މަސްފެކްޓްރީ އެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒް އަށް ފިޝަރީޒް މިނިސްޓްރީން ގދ ހޯނޑެއްދޫއިން ބިންދޫކޮށްފައިވާތީ އާއި އެކަމާއި ގުޅޭ އެއްބަސްވުމާއި ގުޅޭ މައްސަލަ ކޯޓުމަރުހަލާއިން ހައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މި އެއްބަސްވުމާއި ގުޅޭގޮތުންނާއި މި އެއްބަސްވުމާއި އެއްވެސް ފަރާތަކުން ޚިލާފުވެފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށް ސުވާލުކުރެއްވީ މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން އެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާރ ވިދާޅުވީ ގދ ހޯނޑެއްދޫގައި މަސްގަންނަ ސެންޓަރެއް ގާއިމުކުރުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ގއ ހޯނޑެއްދޫ ބިމުން 8.9 ހެކްޓަރުގެ ބިމާއި އެބިމާއި އިންވެގެން ހިއްކާފައިވާ 4.5 ހެކްޓަރުގެ ބިމާއެކު ޖުމްލަ 13.5 ހެކްޓަރުގެ ބިން ހޮރައިޒަން އަށް ކުއްޔަށް ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިމަޝްރޫޢު ގެ ދަށުން ހޯނޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސް މަސައްކަތް ފުރަތަމަ ލަސްވެފައިވަނީ ޝޯވ ބޭސްޑް އިންވެސްޓްމަންޓް ގާއިމުކުރުމަށް ހޯނޑެއްދޫ ބަނދަރު ފުންކުރާއިރު ނަގާފައިވާ ވެލި ޑްރެޖް މެޓީރިއަލްސް ބޭނުންކޮށްގެން ހޯނޑެއްދޫ އާއި މަޑަވެއްޔާ ދެމެދުގައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރުމަށް އޭރުގެ ސަރުކާރުން ނިންމުމުން. މިނިންމުން ނިންމާފައިވަނީ 19 މަރޗް 2007 ގައި. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ ބިން ހިއްކުމުގެ މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފައި، އަދި ހޮރައިޒަން އަށް ކުއްޔަށްދީފައިވާ ބައެއް އިމާރާތްތައް ގާއިމުކުރަންޖެހޭ ސަރަހައްދުގައި އެވެލި ފުނި ހުރުމުން އިމާރާތްތަކުގެ އަމަލީ މަސައްކަތް ފެށެން ނެތްކަމަށް އެފަރާތުން ވަނީ އޭރު އަންގާފައި. އަދި ހަމަ އެދުވަސްވަރު މިމަޝްރޫޢު ނިންމުމަށް ބޭނުންވާ މައިގަނޑު ހުރިހާ މުދަލެއް ސައިޓުގައި މޯބަލައިޒްކޮށްފާ ހުއްޓާ އަލިފާނުގެ ހާދިސާއެއްގައި އެތަކެތި ވަނީ އަނދާފައި.ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
މިނިސްޓަރ ވިދާޅުވީ ވެލިފުނި ނެގުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ހުރުމަށްފަހު ހޯނޑެއްދޫގައި ހައުސިން މިނިސްޓްރީން ހައުސިންގ ޔުނިޓްތަކެއް އެޅުމަށް އެވެލި ބޭނުންކުރުމުގެ ހުއްދަ އަށް ހައުސިންގ މިނިސްޓްރީން އެދުމުން އެކަމުގެ ހުއްދަ ދިންކަމަށެވެ. އަދި އެކަމުގެ ހުއްދަ ދީފައިވަނީ 10 ފެބްރުއަރީ 2016 ގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ހައުސިންގ މިނިސްޓްރީއަށް ބޭނުންވާ ވެލި ނަގާ ނިމޭނެ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ހޯނޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސް ގެ މަސައްކަތް ނިންމުމަށް މަޝްރޫޢުގެ ވޯކް ޕްލޭން އިސްލާހުކޮށް ފޮނުވައިދިނުމަށް މިނިސްޓްރީން ވަނީ 10 ފެބްރުއަރީ 2016 ގައި ހޮރައިޒަންއަށް އަންގާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިއަށްފަހު މިސަރުކާރު ވެރިކަމާއި ހަވާލުވުމާއި ހަމައަށް ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނިންމާ ހުޅުވުމަށް މަސް ގަންނަން ބާރު އެޅުމުގެ ގޮތުން ލިޔެކުޔުމުން އެއްވެސް މުއާމަލާތެއް ކުރެވިފައިނުވޭ. ސަރުކާރާ ހަވާލުވެ މަސްގަންނަ ސެންޓާރުތަކުގެ އޮޕރަރޭޝަންތައް ފެށުމަށް ކުރި މަސައްކަތުގައި މިނިސްޓްރީގެ މޮނިޓަރިން ޓީމެއް 28 އޭޕްރީލް 2019 ގައި ހޯނޑެއްދޫއަށް ވަނީ ގޮސްފައި. މިމޮނިޓަރިން ދަތުރުގައި ވެލިފުނީގެ ސައިޒަށް ބަލާއިރު ހޯނޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ކުރުމަށް އެއްޗެސް ހުރަހެއް އޮތް ކަމަކަށް ނުފެންނާތީވެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ވޯރކް ޕްލޭނެއް އެކުލަވާލާ 10 ޖޫން 2019 ގެ ކުރިން މިނިސްޓްރީއަށް ފޮނުވުމަށް ވަނީ އެދިފައި.ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގެ އެންގުމާ ހަވާލާދީ ދުނިޔޭގެ އެވަގުތު ބާޒާރުގެ މަހުގެ އަގުތައް ދަށްކަމަށް ކުންފުނީގެ ކޭޝްފްލޯއަށް ހޯނޑެއްދޫ ފިޝަރީޒް ގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމޭނެކަމަށް ނުފެންނާތީވެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް 2 އަހަރާއި 6 މަސްދުވަސް މުއްދަތެއް ނަގާނެކަމަށް 3 ޖޫން 2019 ގައި ވަނީ އެކުންފުނިން މިނިސްޓްރީއަށް އަންގާފައިކަމަށެވެ.
އޭގެފަހުންވެސް ހުށަހަޅާފައިވާ ވޯރކް ޕްލޭނާ އެއްގޮތަށް މަސައްކަތް ނިންމާ މަސްގަތުމަށް އަވަހަށް ފެށުމަށް 23 ޖޫން 2019 ގައި ވާނީ އެކުންފުންޏަށް އަންގާފައި ކަމަށް މިނިސްޓާރ ވިދާޅުވި އެވެ. އަދި މަސްގަތުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަންގައި ދިނުމަށްވެސް އެދިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް މިނިސްޓްރީގެ އެންގުމަށް ހޮރައިޒަން އިން މިއަދާ ހަމައަށް އެދެވޭ ޖަވާބެއް ދީފައިނުވާކަމަށް މިނިސްޓާރ ވިދާޅުވި އެވެ.
މިކަމުގައި ކުރިޔަށްދާނެ ގޮތެއް ނިންމުމަށް އަދި ޖުމްލަކޮށް މަސްގަތުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީގެ ފަރާތުން ކަރުދާހެއް އެކުލަވާލާ 16 ސެޕްޓެމްބަރ 2019 ގައި ވަނީ އެކޮނޮމިކް ކައުންސިލަށް ހުށަހަޅާފައި. މިކަމުގައި އެކޮނޮމިކް ކައުންސިލްގެ ލަފާދީފައިވަނީ މަސްގަތުމުގައި ސަރުކާރާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދީފައިވާ އެކްސްކުލޫސިވްޓީ އުވާލުމަށް ކުންފުނިތަކާއި މަޝްވަރާކުރުމަށާއި މަޝްވަރާއިން ކުރިއެރުމެއް ނުލިބިއްޖެނަމަ އެގްރިމެންޓްގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެކޮނޮމިކް ކައުންސިލްގެ ލަފައާ އެއްގޮތަށް މަސް ގަންނަ ކުންފުނިތަކާއި މަޝްވަރާކޮށް ކުރިއެރުން ލިބިފައިނުވާތީ އެގްރިމެންޓްގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކައުންސިލްގެ ލަފާގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވާނީ އެޓަރަނީ ޖެނެރަލް އޮފީހުގައި ދަންނަވާފައި.ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
މިނިސްޓާރ ވިދާޅުވީ ދައުލަތަށް ބުރަ ބޮޑުނުވާނެ ގޮތަކަށް މިކަމަށް ހައްލު ގެނައުމަކީ މިނިސްޓްރީގެ އަމާޒެއްކަމަށެވެ.
އަދި މިހާރު މިމައްސަލަ އޮތްގޮތުން މިމައްސަލަ ދެން ދާނީ ކޯޓަށްކަމަށް މިނިސްޓާރ ވިދާޅުވި އެވެ. މިނިސްޓަރަށް މެމްބަރުން ތަކުރާރުކޮށް އަމާޒުކުރެއްވި ސުވާލަކީ އެގްރިމެންޓާ ހޮރައިޒަން އިން ޚިލާފުވެފައިވާކަމަށް ދެކެވަޑައިގަންނަވަންތޯ އާއި އެހެންކަމަށްވާނަމަ ފިޔަވަޅު އަޅުއްވާނީ ކޮންއިރަކުންތޯ އެވެ. މިނިސްޓާރ އެސުވާލަށް ސީދާ ޖަވާބެއް ނުދައްވާ ވިދާޅުވީ މިނިސްޓަރ އުންމީދުކުރެއްވި ހިސާބަށް އެމަސައްކަތް ނުދާކަމަށެވެ. އަދި ހެދިފައިހުރި އެކްސްކުލޫސިވް އެގްރިމެންޓް އުވާލައިގެން ނޫނީ މަސްވެރިންނަށް ހަމައަގު ހޯދައި ނުދެވޭނެކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިމައްސަލަ ކުރިޔަށް އޮތް ދެތިން މަސް ތެރޭގައި ހައްލުވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމުއްދަތަކީ ދިގު މުއްދަތެއްކަން ފާހަގަކުރައްވާ ވީ އެންމެ އަވަހަށް މިމައްސަލަ ނިންމުމަށް މަސައްކަތްކުރުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގަންފަ އެވެ.
ހޯނޑެއްދޫގައި މަސްފެކްޓްރީ އެއް އެޅުމަށް ބިން ކުއްޔަށް ދީފައިވަނީ އަކަފޫޓަކަށް 15 ލާރީގެ މަގުންނެވެ. އަދި ކުލި ބަރާބަރަށް ހޮރައިޒަން އިން ސަރުކާރަށް ދައްކަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.