މާލެ މިހާރު އޮތް ޙާލަތަކީ ފަލަޞްޠީނު އޮތް ޙާލަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ވިދާޅުވުމުން، އިޒްރޭލް ނުލަފާ މީހުންނާ ރާއްޖެތެރޭ މީހުންނާ އެއް ހަމަޔަކުން ޝަހީމް މިނެކިރުމުން އެކަމާއި ލަދުވެތިވާ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ މާލެ މިހާރު މިއޮތް ޙާލަތަކީ ފަލަޞްޠީނު އޮތް ފަދަ ޙާލަތެއް ކަހަލަ ގޮތަކަށް ސިފަކުރައްވާފައެެވެ. ޝަހީމް މާނަކުރެއްވީ ރާއްޖެތެރޭ މީހުން މާލެއަށް ވަޒަންވެރިވެގެން މާލޭގެ ރަށްވެހިންނަށް ދިރިއުޅޭނެ ތަންކޮޅެއް ނުލިބޭ ވާހަކައެެވެ. އެކަމަކު އިޒްރޭލްގެ ނަމެއް ޝަހީމްގެ ވާހަކާގައި ނުގެންނަވައެެވެ.
ޝަހީމް އެހެން ވިދާޅުވާ ވީޑިއޯ ކްލިޕް ޓްވިޓަރ ގައި ހިއްސާކުރެއްވުމަށް ފަހު ޔައުޤޫބް ވިދާޅުވީ، އިޒްރޭލްގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމަޔަކުން މި ރާއްޖޭގެ ''ރާއްޖެތެރޭ މީހުންނާ'' މިނެކިރީތީވެ އެކަމާއި ލަދުވެތިވެ، ކަންބޮޑުވެ އަދި ދެރަވާ ކަމަށެވެ.
ޔައުޤޫބް ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ފަލަ ސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝަހީމްވެސް ވިދާޅުވެފައިވަނީ ރާއްޖެތެރޭގެ މީހުންނާއި މާލޭގެ ރަށްވެހިންނާ ތަފާތު ކުރުމެއް ނުބާއްވާ ކަމަށެވެ. އެކަމަކު ރާއްޖޭގެ އެކި ރަށްރަށުން މީހުން އައިސް މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރަށްވެހިންނަށް ބިންކޮޅެއްވެސް ނުލިބޭ ކަމަށެވެ. އަދި އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މާލެ ތަމްސީލު ކުރައްވާ މެންބަރެއްގެ ޙައިޞިއްޔަތުން އަބަދުވެސް މަޖިލީހުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.