މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަޞްޠީނުގެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ގޮތައް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) ސިފަކުރައްވައިފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޝަހީމް ވިދާޅުވީ، ޝައްކެތް ނެތް ގޮތުގައި މާލޭގެ ރައްޔިތުންނަށް ގްރޭޓަރ އިންޑަސްޓްރިއަލް ޒޯނުން ބިންދޭން ޖެހޭ ކަމަށެވެ. މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން އިންޑަސްޓްރިއަލް ޒޯނުން ބިން ދޭނެކަން ފާހަގަކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ވިދާޅުވި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެކަން ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން، މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށް، ހުޅުމާލެއިން ގޯތި ދިނުމަށް އެމްޑީޕީން ވަނީ ދާދި ފަހުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދިފައެވެ. އެމްޑީޕިން އެދިފައިވާ ގޮތަށް އޭރު ބިން ދޫކޮށްލި މީހުންގެ ތެރެއިން ފަހުން ގޯތިދޭނެ ކަމަށް ލިޔުން ޙަވާލުކޮށްފައިވާ ފަރާތްތަކަށް ވަރަށް އަވަހަށް ބިން ލިބިގެންދާނެކަން ޝަހީމް ފާހަގަކުރެއްވިއެވެ.
މާލޭގެ މީހުން ދިރިއުޅޭ ޖާގައަކީ ''ކޯސްޓް ކިރު ދަޅު'' ވަރުގެ ޖާގައެއްގެ ގޮތުގައި ސިފަކުރައްވާ ޝަހީމް ވިދާޅުވީ، މާލޭގެ ރައްޔިތުންނަކީ އެއަށްވުރެ ކިޔަމަންތެރި، ބަސްއަހާ އަދި ފަޚުރުވެރި ބައެއް ކަމަށެވެ. އެކަމަކު ކޮންމެ ސަރުކާރުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރައްޔިތުން ބިންކޮޅެއްވެސް ނުލިބޭ ކަމަށެވެ.
80، 90 އަހަރުވީ އަޅުގަނޑުމެންގެ (މާލޭ ރައްޔިތުންނަށް) ފްލެޓްގަޑެއް ބިންކޮޅެއް ނުލިބިދާތާ. މުޅި މާލެ ހިއްކާ، ކޮންމެ ސަރުކާރަކުން ހައްގުވެރިންނަށޭ އޭގެ އެންމެ ބޭނުން ޖެހިފައިތިބި މީހުންނަށޭ. ކިޔާފައި ބަހައްޓާފާ ހިއްކާލަ ބިންކޮޅު ހިތުހުރި ގޮތަކަށް ބަހާލަފައި. މީއީ މާލޭ މީހުންގެ ރަށެއް.ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު- ހުސައިން ޝަހީމް (އަނދުން ހުސޭން)
ޝަހީމް ވިދާޅުވީ ގޮތުގައި، މާލޭ ރައްޔިތުންގެ ދިފާޢުގައި ވާހަކަ ދައްކަނީ އެއްވެސް ވަރަކަށް ރާއްޖެތެރޭ ރައްޔިތުންނަށް ތަފާތު ކުރާކަށް ނޫނެވެ. އަދި މި ސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން ތަފާތު ނުކުރާނެ ކަމަށާއި، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ޢަސާސީ ޚިދުމަތް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
އެކަމަކު ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލު ކުރައްވާ މެންބަރުންގެ ހައިޞިއްޔަތުން އަބަދުވެސް މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޑު އުފުލާ އެކަމަށް ވަކާލާތު ކުރާނެ ކަމުގެ ޔަޤީންކަން ޝަހީމް ވަނީ މާލޭގެ ރައްޔިތުންނަށް ދެއްވާފައެވެ.