ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) އާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުންތައް އާދިއްތަ ދުވަހު ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ.
އދ ގެ ކަމާގުޅުން ހުރި އިދާރާތަކާއި އިންޓަރޕޯލް، އަދި ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއެކު، "ނެޝަނަލް ރައުންޑްޓޭބަލް އެންޑް ކޮންސަލްޓޭޝަން އޮން ޔޫ.އެން.އޯ.ޑީ.ސީ އެންޑް އިންޓަރޕޯލްސް ސަޕޯޓް ޓު ދަ މޯލްޑިވްސް އޮން ކައުންޓަރ ޓެރެރިޒަމް" ގެ ނަމުގައި ފެށި މި ބައްދަލުވުން ކުރިއަށްދާނީ 2020 ފެބްރުއަރީ 9 ން 10 އަށް ކަމަށް އެންސީޓީސީން ބުނެއެވެ.
މި ބައްދަލުވުންތަކުގައި ދައުލަތުގެ ކަމާގުޅުންހުރި އިދާއިރާތަކުގެ 27 ފަރާތަކުން ބައިވެރިވެ ވަޑައިގަންނަވާއިރު، އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް، ހައި ކޯޓް، ކްރިމިނަލް ކޯޓް، ފެމިލީ ކޯޓް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ، ތަޢުލީމީ ދާއިރާ، އިޖުތިމާޢި ދާއިރާ، ޒުވާނުންގެ ދާއިރާ، ޚާރިޖީ ދާއިރާ، ދާޚިލީ ދާއިރާ އަދި ސަލާމަތީ ޚިދުމަތްތައް ހިމެނޭ ކަމަށް އެންސީޓީސީން ބުނެއެވެ.
އޭގެ އިތުރުން، ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ނޭދެވޭ އަސަރުތަކުން ދިވެހި އުއްމަތް ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގައި، ކަމާގުޅުންހުރި ދާއިރާތަކުގެ އިންސާނި ވަޞީލަތް ތަރައްޤީކޮށް ބިނާކުރުމުގައި ޔޫ.އެން.އޯ.ޑީ.ސީ، ޔޫ.އެން.ޑީ.ޕީ އަދި ޖަޕާނުގެ ސަރުކާރުންވެދެއްވާ އެހިތެރިކަންވެސް އެންސީޓީސީން ވަނީ ފާހަގަކޮށްފައެވެ.