ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުހައްމަދު އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު ދުރުކުރަން ބޭނުންވާ ކަމަށް ބުނެ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކްއާ އެކު ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ލީކް ވެއްޖެއެވެ.
ލީކްވި މި އޯޑިއޯގައި ޕީޕީއެމް އަށް ނިސްބަތްވާ ތިން މެމްބަރެއްގެ އަޑުއުއިވެއެވެ. އޭގެ ތެރޭގައި ޕީޖީ ލީޑަރު ނިހާންގެ އިތުރުން ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ކަމަށް ބެލެވެއެވެ. ނަމަވެސް ދެން ވާހަކަ ދައްކާ މެމްބަރުންގެ އަޑު ސާފުނުވާތީ އެއީ ކޮން މެމްބަރުންތަކެއް ކަން ޔަގީނެއް ނުވެއެވެ.
މި މެމްބަރުން ނިހާން ގާތު ވިދާޅުވަނީ މަސީހުގެ ފަރާތުން އެ ބޭފުޅުން ބޭނުންފުޅުވާ އެއްވެސް ކަމަކަށް އެއްބާރުލުން ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން މަޖިލީހަށް ގެންނަ ލެެޕްޓޮޕް ފަދަ ތަކެތި ބޭނުން ވެގެން ހޯދަން އެދުމުން ވެސް މަސީހު އެ ތަކެތި ނުދެއްވާ ކަމަށް އެ މެމްބަރުން ވިދާޅުވާ އަޑުއިވެއެވެ.
ނިހާންއާ ވާހަކަ ދެއްކި މެމްބަރުން ވިދާޅުވީ ގޮތުގައި މަޖިލީހުގެ ރައީސް މަސީހު ގެންދަވަނީ އަލަށް އިމާރާތްކުރާ މަޖިލީހުގެ އިމާރާތުން ވެސް ބޮޑު ފައިދާ އެއް ހޯއްދަވަމުންނެވެ.
އެގޮތުން މަޖިލީހުގެ އާ އިމާރާތުގެ ކޮންމެވެސް ތަނެއް ކުންފުންޏަކަށް ކުއްޔަށް ދީގެން ކޮންމެ މަހަކު 150،000 ނަންގަވާ ކަމަށް ނިހާންއާ ވާހަކަ ދެއްކެވި މެމްބަރުން ތުހުމަތު ކުރެއްވިއެވެ.
އަދި އެ ބޭފުޅުން މަޖިލީހުގެ އާ އިމާރާތް ބައްލަވާ ލެއްވުމަށް އެދުނު ކަމަށާއި ނަމަވެސް އެކަމަށް ވެސް މަޖިލީހުގެ ރައީސް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ނިހާންއާ ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވެއެވެ. އެހެން ކަމުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި މަސީހުގެ ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން ކަމަށް އެ މެމްބަރުން ނިހާން ގާތު ވިދާޅުވާ އަޑު މި އޯޑިއޯ އިންނިވެއެވެ.
މެމްބަރުންކުރި ތުހުމަތުތަކާ ގުޅިގެން މަސީހުގެ ބަހެއް ހޯދުމަށް ރާއްޖެެމްވިީން ގުޅާ ލުމުން މަސީހު ފޯނަށް ޖަވާބް ނުދެއްވާތީ މަސީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މެމްބަރުންގެ ވާހަކަތަކާއެކު ނިހާން ވިދާޅުވާ އަޑު އިވެނީ އޭނާ ވެސް މަޖިލީހުގެ އިމާރާތް ބަލާލުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންވި ކަމަށާއި ނަމަވެސް އެކަމަށް އެއްބާރުލުން ލިބިވަޑައިނުގެންނެވި ކަމަށެވެ.
މިއޯޑިއޯގައި ނިހާން ވިދާޅުވާ އަޑުއިވެނީ މިވަގުތަކީ ރައީސް އަބްދުﷲ ޔާމީން އަށް ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި އެހެން ކަަމުން މި ވަގުތުން ސަލާމަތް ވަންދެން ލޯކަލް ކައުންސިލް އިންތިހާބް ވެސް ފަސްކުރަން ޖެހޭ ކަމަށެވެ.
ނިހާން ވިދާޅުވީ މީގެ ކުރިން ޕީޕީއެމް މެމްބަރުންތަކެއް މަޖިލީހުގެ ރައީސްކަމުގެ މަގާމުން، މަސީހު ދުރުކުރަން ބޭނުންވާ ވާހަކަ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ދައްކާފައި ނުވާ ކަމަށާއި އެހެން ކަމުން މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރަން ޕީޕީއެމްގެ ބައެއް މެމްބަރުން ބޭނުންފުޅު ވާކަން ރައީސް އަބްދުﷲ ޔާމީން އަށް ދަންނަވާނެ ކަމަށް ނިހާން ވިދާޅުވެއެވެ.
"ދެން އަހަރެންވެސް މިކުރާ ޑައިރެކްޓް ކޮމިއުނިކޭޝަންތަކުގެ ތެރޭގައި ބުނާނަން މިކަހަލަ ޓްރެންޑެއް އެބައުޅެއޭ. ޓްރެންޑެއް އުޅެންޏާ ރައީސަށް ދަންނަވާލާނަން. އަދި އޯޕަންކޮށް އެމްޕީސްތަކެއް ތިނޫނިއްޔާ ނުބުނޭ. އެހެންވީމަ، ދެން ދިމާވާއިރު ވަކި ކޮމިއުނިކޭޝަނެއް ކުރާނީ" ނިހާން ވިދާޅުވާ އަޑުއިވެއެވެ.
މީގެ އިތުރުން ޕީޕީއެމް ޕީޖީ މެމްބަރުން ނިހާން ގާތު ވިދާޅުވީ ހަގީގަތުގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި މަސީހު ބަހައްޓަން ރައީސް އަބްދުﷲ ޔާމީން ވެސް ބޭނުންފުޅުނުވާ ކަމަށެވެ. އަދި މަސީހު ކަންތައްތައް ކުރައްވަނީ މަޝްވަރާ ކުރުމަކާ ނުލައި ކުރިން އެންގުމަކާނުލައި ކަމަށް ވާތީ މަޖިލީހުގެ ރައީސް ކަމުގައި މަސީހު ބެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވެއެވެ. އެގޮތުން ހަމަ ޔަގީނުން ވެސް ޕީޕީއެމް އަށް ނިސްބަތްވާ 10 މެމްބަރަކު މަސީހު ބޭރު ކުރަން ވޯޓް ދޭނެ ކަމަށް އެ މެމްބަރުން ނިހާން އަށް ދަންނަވާ އަޑުއިވެއެވެ.
"އާދެން ގިނަގިނައިން ތި މި ތޮޅުންގަނޑު ނިމެންދެން މަޑުކޮށްލީމަ ރަނގަޅުވާނެ. އަހަންނަށް ހީވަނީ ރައީސް އެއްބަސްވެދާނެހެން. އަދި، އަމުދުން އަބްދުއްރަހީމަށް ވެއްޖެއްޔާ، އެކަންދޭން ރައީސް ވިދާޅުވެ އޮތުމަށްފަހު، ނައިބު ރައީސް ކަން ދީފަ އޮތުމަށްފަހު، އަހަރެމެންގެ ތެރެއިން ދެން އެފަހަރު ކަންތައް ނުވެދިޔައީ. އެ ހިތްހަމަނުޖެހުން އަދިވެސް އޭނަ އެ ގެންގުޅެނީ. ރީކޯ މޫސައަށް ދީގެން ބަލަންތިބޭކަށް ބޭނުމެއް ނޫން" ނިހާން ވިދާޅުވާ އަޑުއިވެއެވެ.