Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 23:37
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު: އޭނާ ވަނީ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް އެދިފަ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު: އޭނާ ވަނީ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް އެދިފަ
ރާއްޖެ އެމްވީ
ަމަސީހުގެ އިިތުބާރުގެ މައްސަލަ
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަވާލްކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހަށް
މިގޭކުރިންވެސް ޖަލްސާތަކަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފައިވޭ
ހުރިހާ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތަށް މަހުލޫފު މަރުހަބާ ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުމަށް ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އެދިވަޑައިގެންފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މި މަހުގެ 27 ވާ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. އެ ދުވަހުގެ ޖަލްސާގައި މަސީހުއަށް ޖަވާބުދާރީވުމަށް 30 މިނެޓުގެ ވަގުތެއް ދޭނެއެވެ. އަދި އެއަށްފަހު ބަހުސް މަރުހަލާ ކުރިއަށްގެންގޮސް، މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓަށް އަހާނެއެވެ. މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޤުލަބިއްޔަތު ބޭނުންވާނެ އެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން މަހުލޫފު އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވީ، މަހުލޫފަކީ ރައްޔިތުން ތަމްސީލްކުރައްވާ މެމްބަރަކަށްވާއިރު، ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދިނުމަށް މަހުލޫފު ގިނަ ފަހަރުތަކެއްގެ މަތިން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ވޯޓާއި ގުޅިގެން ވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖަލްސާއަށް މަހުލޫފު ހާޒިރުކޮށްދިނުމަށް އެދިފައި ނުވާ ކަމަށް ބުނެ، އެ ފުރުސަތު މަހުލޫފަށް ދިނުމަށް ކަރެކްޝަނަލް ސާރވިސް އިން ދެކޮޅު ހަދާފައިވާ ކަމަށް ނަޒޫ ވިދާޅުވި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު ބުނާ ގޮތުން 12 މަސް ދުވަހަށް ވުރެ ކުޑަ ހުކުމެއް އައިސްފި ނަމަ އެ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރަންވާނެ އެވެ. އަދި ހާއްސަ ވޯޓެއް ނަގާއިރު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ބަންދެއްގައި ހުރެއްޖެ ނަމަ އެ މެމްބަރަކު ބަންދުކުރި ފަރާތަކުން، މެމްބަރު މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްދޭންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު 13 ވަނަ މާއްދާގެ (ނ)ގައި ވަނީ ބުނެފަ އެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އެ ޤާނޫނުގެ މާއްދާތައް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބަންދެއްގައި ހުރެއްޖެ ނަމަ އެ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރަންޖެހޭނީ މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާ ހާލަތްތަކުގައި އެކަންޏެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަހުލޫފު މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން އެދިފައިނުވާ ކަމަށާއި، އެފަދަ ހާލަތެއްގައި އޮންނަ އުސޫލުގެ ދަށުން އެ ސާރވިސްއިން ކަންތައްތައް ކުރާނެ ކަމަށެވެ.

 

މަހްލޫފާ ހަވާލާދީ، އަނިބިކަނބަލުން ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބަރު ނެތްކަމުގެ މައްސަލައަކީ ވަރަށް މުހިންމު މައްސަލައެއް ކަމަށާއި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަކީ ރައްޔިތުން އަތުން ނިގުޅައިގަނެފައިވާ ހައްޤުތައް ހޯދުމަށް އެޅެ ފިޔަވަޅެއް ކަމަށެވެ. އަދި ޕާޓީތައް ގުޅިގެން ކުރާ މަސައްކަތަށް މަހްލޫފް މަރުހަބާ ދަންނަވާފައިވާ ކަމަށާއި، ޕާޓީތަކުން، ރައްޔިތުންގެ ހައްޤުތައް ހޯދުމަށް ނިކުތް ނިކުތުމަކީ އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މަހުލޫފު ސިފަކުރެއްވި ކަމަށް އަނބިކަނބަލުން ވިދާޅުވި އެވެ. އެ މަސައްކަތުގައި މަހުލޫފު ސާބިތުކަމާއެކު ހުންނެވިކަމުގެ ޔަޤީންކަން ވެސް މަހްލޫފް ދެއްވި ކަމަށް އަނބިކަނބަލުން ނަޒޫ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް