ފީނަން ފޭބި މީހަކު ޑީކޯ ވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ މަސްވެރިކަން ކުރަން އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި މީހަކު ޑީކޯ ވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ދިވެއްސަކު ޑިކޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 09:20 ހާއިރު ކަމަށެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ، 20 މިނެޓު ވަންދެން 50 މީޓަރުގައި ޑައިވްކޮށްފައިކަމަށެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި އިރު، އެ ދޯނި އޮތީ ގދ. ގައްދޫއާ 13 މޭލު ބޭރުގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ އެކު، ގދ.ގައްދޫ ބަނދަރުގައި އޮތް ސީއެމްބިޔުލާންސް އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައިވާ ކަމަށެވެ. އަދި، އެ ދޯނީގައި އޮތް ބަލި މީހާ ނަގައިގެން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެމީހާ ގެންގޮސްފައިވާ ކަމަށެވެ
"ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް" (ޑީކޯ) ވުމަކީ އާއްމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައެކެވެ. އެގޮތުން 18 ނޮވެމްބަރު 2019 ވަނަ ދުވަހު ޑައިވިން ކުރުމުގެ ތެރޭގައި ޑީކޯވި ހުވަދު އަތޮޅުގެ ދެ މަސްވެރިއަކަށް ލިބެންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން މާލެ ގެންނަން ޖެހުނު ހާދިސާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ.