ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 12:16
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސުޒޭން ހަމަޖެއްސުން
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސުޒޭން ހަމަޖެއްސުން
އެފްއޭއެމް
އަލީ ސުޒޭން
ފުޓްބޯޅައަށް ފައިދާވާނެ ކަމެއް ކުރަން ލަދެއް ނުގަންނަން: ސުޒޭން
މީގެ ކުރިން ސުޒޭން ވަނީ އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި
އެގޮތުން މީގެ ކުރިން ސުޒޭން ވަނީ ރާއްޖޭގެ ފުޓްބޯޅަ އޮތީ އައިސީޔޫގައި ކަމަށްވެސް ބުނެފައި

ފުޓްބޯޅައަށް ފައިދާވާނެ ކަމެއް ކުރަން ލަދެއް ނުގަންނާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި އަލީ ސުޒޭން ބުނެފި އެވެ.

އެފްއޭއެމް ހައުސްގައި ހޮނިހިރު ދުވަހުގެރޭ އޮތް ރަސްމިއްޔާތެއްގައި ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ރަސްމީކޮށް ސުޒޭންއާ ހަވާލުކޮށްފައެވެ. ގައުމީ ޓީމާއި ސުޒޭން ގުޅުނުއިރު، މި ސީޒަނުގައި އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކީ އެކަކަށްވާނީ ސުޒޭނެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކުގައު ސުޒޭން ވަނީ ދިވެހި ފުޓްބޯޅައިގެ ހާލަތާއި އެފްއޭއެމުން ކަންތައްކުރާ ގޮތާއި ދޭތެރޭ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ސުޒޭން ބުނީ އެފްއޭއެމްއާ ގުޅުނީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށެވެ. އަދި މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަމާޒުކޮށް ފާޑު ކިޔާފައިނުވާނެ ކަމަށާއި ފާޑު ކިޔާފައިވާނީ ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން ކަމަށެވެ. އަދި އެކަންތައް ކޮށްފައި އޮންނާނީ ކުރަން ޖެހޭތީވެ ވަރަށް ސާބިތުކަމާ އެކީގައި އިހުލާސްތެރިކަމާ އެކީގައި ކަމަށްވެސް ސުޒޭން ބުންނެވެ.

ފުޓްބޯޅަ އަށް ފައިދާވާނެ ކޮންމެ ކަމެއްގައި އަޅުގަނޑު ލަދެއް ވެސް ނުގަންނާނެ ޖެހިލުމެއް ވެސް ނުވާނެ ކޮންމެ ކަމެއް ކުރަން ވެސް
ސުޒޭން

ގައުމީ ޓީމުގައި ސުޒޭން އާއި ދެން އެސިސްޓަނންޓް ކޯޗަކަށް ހަރަކާތްތެރިވާނީ ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. ޓީމުގެ ކޯޗަކަށް ދާދި ފަހުން ވަނީ ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަން ހަމަޖައްސާފައެވެ.

މިއީ ސުޒޭން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ ދެވަނަ ފަހަރެވެ. އޭނާ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުވެސް އަދާކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް