ކޮރޯނާވައިރަސް އާއި ގުޅިގެން އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ބުނީ މިމީހާ ރާއްޖެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ގޮސް އައިސްފައިވާ ދިވެއްސަކު ހުރި ނަމަ އެމީހަކު ކަރަންޓީނުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އެގޮތުގެ މަތިން ބުރާސްފަތި ދުވަހު ހަވީރު އައި އެކަކު ކަރަންޓީނުކޮށްފައިވާއިރު އެދުވަހު އައި އިތުރު ދެ މީހަކުވެސް ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިމީހުންގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ނުފެންނަ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ މިންގަނޑުތަކުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 27 ބިދޭސީއަކު ރާއްޖެ އެތެރެވިޔަ ނުދީފައިވާކަމަށް ސަރުކާރުން ބުނެ އެވެ.
ޗައިނާއިން ރާއްޖެއަށް އައި މީހެއްގެ ކިބައިން ގައިން މިވައިރަހުގެ ޢަލާމާތްތައް ފެނުމާއި ގުޅިގެން ކޮރޯނާ ވައިރަސް ނެތްކަން ޔަގީންކުރުމަށް އޭނާގެ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިގެން ވަނީ ޓެސްޓު ހަދާފައެވެ. އޭނާގެ ސާމްޕަލާއި އެކު އިތުރު 6 މީހެއްގެ ސާމްޕަލް ޓެސްޓުކުރުމަށްވެސް ހެލްތު މިނިސްޓްރީން ފޮނުވި އެވެ.
މިއެންމެންގެ ޓެސްޓުތައް ނެގެޓިވް ވިއިރު ރާއްޖޭގައި ކޮރޯނާއަށް ޝައްކުކުރެވޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށް ސަރުކާރުން ބުނެ އެވެ. ކޮރޯނާވައިރަސް ފެތުރެންފެށި ޗައިނާގެ ވުހާންގައި ތިބި 7 ދިވެހިން ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު އިންޑިޔާއަށް ގެންގޮސްފަ އެވެ. އަދި މިހާރު އިންޑިއާގައި އެކަހެރިކޮށްފައި ތިބި ހަތް ދިވެހިންވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.