ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކަކީ އަބަދުވެސް އިލެކްޝަން ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކެއް ކަމާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީޚީ ޕްރޮގުރާމުގައި އަކްރަމް ވިދާޅުވީ ފާއިތުވެ ދިޔަ ރިޔާސީ އިންތިޚާބުން ފެށިގެން ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ދަޢުވަތު ދީގެން ކޮމިޝަންގެ ޚަރަދުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަޤުވާމީ ފަރާތްތައް ހަރަކާތްތެރިވެފައިވަނީ ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކަމާއި، އޭގެފަހުން ބޭއްވުނު ހުރިހާ އިންތިޚާބެއްގައި އެކަން ތަކުރާރު ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ހަތަރުއަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރު ޤައުމަކަށްވެފައިތީ އެކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ އެހެންކަމުން އިތުރަށް އިންތިޚާބީ ކަންކަމުގައި ލުއިފަސޭހަތަކާއި، އެއްބާރުލުން ލިބޭނެ ކަމަށެވެ.
ފާއިތުވެދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ކޮމަންވެލްތުން ރާއްޖޭގައި ރަސްމީކޮށް ހަރަކާތްތެރިވި އަޅުގަނޑުމެންގެ ޓީމްތަކާއެކު އެބޭފުޅުން އިންތިޚާބުގެ ކުރިން ފެށިގެން މަސައްކަތްކޮށް އެބޭފުޅުން ވަނީ ރިޕޯޓެއް ވެސް އަރުވާފައި. އަޅުގަނޑު މިވަގުތު ފާހަގަކޮށްލަން ބޭނުން އިލެކްޝަން ކޮމިޝަނުން ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބަށްފަހު ކޮމަންވެލްތުން އެކުލަވާލި ރިޕޯޓުގައި އެބައޮތް ލިޔެފައި މިސަރަހައްދު ގައުމުތަކުން ރާއްޖޭގެ އިލެކްޝަން ކޮމިޝަން ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދާން.އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަކްރަމް
އަކްރަމް ވިދާޅުވީ އިންސާފުވެރިކަމާއި ހަމަހަމަކާއި ހާމަކަން ބޮޑު ގޮތެއްގައި އިންތިޚާބުގެ ކަންކަން ތަރުތީބު ކުރެވިފައިވާ ގޮތަކީ އެބޭފުޅުން ފާހަގަކުރާ ކަމެއް ކަމަށެވެ.
އަކްރަމް ވިދާޅުވީ ކޮމަންވެލްތުގެ މިރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ގިނަ ޤައުމުތަކުން ބަލައިގަނެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ވެސް ރާއްޖެއާއި އެޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި ކޮމިޝަނަށް ލިބިފައިވާ އިތުބާރު ބޮޑުވެފައިވާކަން އަކްރަމް ފާހަގަކުރެއްވިއެވެ.
އަކްރަމް ވިދާޅުވީ އޭޕްރީލް 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު އިލެކްޝަން ކޮމިޝަންގެ ޚަރަދުގައި އޮބްޒާވްކުރުމުގެ ފުރުޞަތު 10 ޤައުމަކަށްދޭނެ ކަމަށެވެ.