ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި އެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވީ، މަހްލޫފް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެ ފެއްޓެވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްޤުތައް ވެސް ނުދީ، މަހްލޫފާ މެދު ތަފާތުކުރުންތައް ގެންގުޅޭތީ ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ޤާނޫނީ ވަކީލެއް އައްޔަނުކޮށް، މަސައްކަތްކުރުމުގެ ހައްޤު ކަށަވަރުކޮށްދީފައި ވީނަމަވެސް މަހުލޫފަށް އެ ހައްޤު ވެސް ނުދޭ ކަމަށާއި، މަހުލޫފަށް އޭނާގެ ޤާނޫނީ ވަކީލާއި ބައްދަލުވުމުގެ ފުރުސަތު ނުދޭތާ ދެ މަސް ދުވަސް ވެފައިވާކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ. އަދި އެކަމުގެ ޝަކުވާ ވަރަށް ގިނައިން ހުށައެޅި ކަމަށާއި، ނަމަވެސް އެއްވެސް އެދެވޭ ޖަވާބެއްދީފައި ނުވާ ކަމަށް ނަޒޫ ވިދާޅުވި އެވެ.
މަހްލޫފަށް ޤާނޫނީ ވަކީލާ ބައްދަލުވުމުގެ ފުރުސަތު ނުދެނީ، "މަތީ ފަރާތުން އަންގައިގެން" ކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުނާ ކަމަށާއި، އަދި "މަތީ ފަރާތުން" އެންގުމުން ޤާނޫނީ ވަކީލާއި ބައްދަލުވުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުނި ކަމަށް ނުޒޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަރެކްޝަނަލް ސާރވިސް އިން މަހްލޫފަށް ޤާނޫނީ ވަކީލާއި ބައްދަލުކުރުމަށް ފުރުސަތު ނުދޭއިރު، އެހެން ހުރިހާ ގައިދީނަށް ޤާނޫނީ ވަކީލާ ބައްދަލުވުމަށް ބަރާބަރަށް ފުރުސަތުދޭކަން މަހުލޫފު ހިތާމައާ އެކު ފާހަގަކުރާ ކަމަށެވެ. އަދި އެކަމުން ވެސް ޖަލުގައި މަހުލޫފާ މެދު ތަފާތުކޮށް ކަންކަންކުރާކަން ހަމަވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޤާނޫނު އަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަން ކަމުގެ ބާބުގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީއެއް ހޯދައި ލިބިގަތުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ.
އޭގެ އިތުރުން ނަޒޫ ވިދާޅުވީ، މަހްލޫފަށް ރަނގަޅު ސިއްހީ ފަރުވާ ވެސް ދެމުން ނުގެންދާތީވެ، މަހުލޫފު ވަރަށް ބޮޑަށް ކަންބޮޑުވެ، ސިއްހީ ފަރުވާ ދިނުމަށް ވެސް ކަމާ ބެހޭ އިދާރާތަކުގައި އެކި ފަހަރުމަތިން އާދޭސް ދެންނެވި ކަމަށެވެ. ނަމަވެސް އެ އާދޭހުގެ އަޑު ވެސް އަހާފައި ނުވާ ކަމަށާއި، އޭނާއަށް ސިއްހީ ފަރުވާ ދިނުމަށް ވެސް ސަރުކާރުން ހުރަސްއަޅަމުންގެންދާ ކަމަށެވެ. އަދި މަހުލޫފުގެ ސިއްހީ ހާލު އެއްދުވަހަށް ވުރެ އަނެއް ދުވަސް ގޯސްވަމުން އަންނަ ކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ.
ނަޒޫ ވިދާޅުވީ ހުކުރު ދުވަހު (މިއަދު) ކުއްލިގޮތަކަށް މަހުލޫފު ގުޅުމަށް ފަހު، ތަފާތުކުރުންތަކަށް ކެތްނުކުރެވެތީވެ، ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން، ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަހުލޫފު ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ނުދާ ކަމަށެވެ. އަދި މަހުލޫފާ މެދު އެއްވެސް ތަފާތުކުރުމެއް ނުގެން ގުޅޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، މަހުލޫފަށް ވެސް ޤާނޫނީ ވަކީލަކާ ބައްދަލުވުމުގެ ފުރުސަތު އޮންނަ އުސޫލުގެ ދަށުން ލިބިގެންދާނެ ކަމަށެވެ. އަދި މަހުލޫފު ޤާނޫނީ ވަކީލާ ބައްދަލުކުރުމަށް އިއްޔެ ވެސް ފޯމް ލާފައިވާކަން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އަދި އެކަމާ މެދު ގޮތެއް ނުނިންމާ ކަމަށާއި، އޮންނަ އުސޫލުގެ ދަށުން އެ އިދާރާ އިން ގޮތެއް ނިންމާނެ ކަމަށެވެ.
މަހުލޫފުގެ ސިއްހީ ކަންކަމުގައި ކަރެކްޝަނަލް ސާރވިސް އިން އިހުމާލްވަންތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ އޮންނަ އުސޫލުގެ ދަށުން މަހުލޫފަށް ސިއްހީ ފަރުވާ ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އުސޫލުގެ ތެރެއިން މީގެ ކުރިން ވެސް މަހުލޫފަށް ސިއްހީ ފަރުވާދީފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޤާނޫނު އަސާސީގައި ބުނެފައިވަނީ، ހަޅުތާލުކުރުމުގެ ހައްޤު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.