Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 17:04
ޑިފެންސް މިނިސްޓަރ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގަތުން
ޑިފެންސް މިނިސްޓަރ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގަތުން
އެމްއެންޑީއެފް
ޑިފެންސް މިނިސްޓަރު
ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މިނިސްޓަރ ގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ހޮނިހިރު ދުވަހު
މިއީ އިންޑިއާގެ ސަރުކާރުގެ ދައުވަތަކަށްކުރެއްވި ދަތުރުފުޅެއް
މިނިސްޓަރ އިންޑިއާއަށް ވަޑައިގެންނެވީ މިމަހުގެ 3 ގައި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރުދުވަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް، މިމަހުގެ 3 އިން 8 އަށް ކުރެއްވި މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ރާޖްނާތު ސިންގާ އާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު، ދިފާޢީ އަދި އަސްކަރީ ރޮނގުން އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މިގޮތުން، ނުރައްކާތެރި ޙާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޭނުންކުރާ ޕްރޮޓެކްޓިވް ގިއަރ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސިފައިންނަށް އިންޑިއާއިން ފޯރުވައިދިނުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ދިވެހިން އިވެކުއޭޓް ކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެޤައުމުގެ ސަރުކާރަށް މިނިސްޓަރ މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިންޑިއާއިން ކުރި ޓެސްޓުތަކުން ހާމަވާގޮތުގައި، މިހާތަނަށް ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ބިޕިން ރާވަތާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement

މީގެ އިތުރުން، މިނިސްޓަރ މާރިޔާ ވަނީ އިންޑިއާގެ އަސްކަރިއްޔާގެ މެޑިކަލް ކޯރގެ އިސް ޖެނެރަލުންނާއި ޑޮކްޓަރުންނާ ބައްދަލުކުރައްވާ، ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ޤާއިމުކުރާ އައިސޮލޭޝަން ސެންޓަރުންތައް ހިންގުމާ ބެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސްއޯޕީސް) އާ ބެހޭގޮތުންނާއި، ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހުން އިވެކުއޭޓް ކުރުމުގައި ޙަރަކާތްތެރިވާ އެމްއެންޑީއެފްގެ ސިފައިންނަށް ޕްރޮޓެކްޓިވް ގިއަރ ހޯދުމާ ބެހޭގޮތުންނާއި، ސެނަހިޔާ ހޮސްޕިޓަލަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، މިނިސްޓަރ މާރިޔާ ވަނީ އިންޑިއާގެ ލަކްނައުގައި އޮތް ޑިފެންސް އެކްސްޕޯގައި ބައިވެރިވެވަޑައިގެންފައެވެ. އިންޑިޔާގެ އެންމެ ފަހުގެ ދިފާޢީ އަދި އަސްކަރީ އުފެއްދުންތައް އެއްތަނަކުން ފެންނަ މި އެކްސްޕޯގެ ސްޓޯލްތަކަށް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ.

މި ދަތުރުފުޅުގައި، އިންޑިޔާގެ ތިން ޗެނަލަކަށް މިނިސްޓަރ މާރިޔާވަނީ ބަސްދީގަތުމެއް ދެއްވާފައިވެއެވެ.

ދޫރުދަރްޝަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެކަމަނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ދިފާޢީ އަދި އަސްކަރީ ރޮނގުން ދެޤައުމަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެޤައުމުގެ ވިސްނުން އެއްގޮތްކަމަށެވެ. ވިއޯން ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އެކަމަނާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މިދިޔަ ޑިސެމްބަރުމަހު، އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި "ސީޖީއެސް ކާމިޔާބު" ފަދަ އިތުރު އުޅަނދެއް ހޯދުމަށް ރާއްޖެއިން ޝައުޤުވެރިވާކަން އިންޑިޔާ ސަރުކާރާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

އަދި އިންޑިޔާ ސަރުކާރުގެ ފަރާތުން އެކަމަށް "ޕޮޒިޓިވް ސިގްނަލެއް" ލިބިވަޑައިގެންފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ސްޓްރެޓްނިއުސް ގްލޯބަލްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖެއިން އެދެފި ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން އިންޑިއާއިން އޮންނަނީ ތައްޔާރަށް ކަމަށާއި، ނިމިގެންދިޔަ ޑިފެންސް އެކްސްޕޯގައި ފެނުނު ޑްރޯން ޓެކްނޮލޮޖީ ފަދަ މޮޅު އުފެއްދުންތައް ރާއްޖޭގެ ކަނޑުތަކުގައި ބޭނުންކުރުމަށް ރާއްޖެއިން ޝައުޤުވެރިވާކަމަށެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާގެ އަރިހުގައި، އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، ކާނަލް ޢަބްދުލް މަތީން އަޙްމަދާއި، ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދުގެ އިތުރުން، އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރު، ހުސައިން ޝަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް