ޒުވާން ދެމަފިރިއަކު ދިރިއުޅުމަށްޓަކައި ކުރަމުން އައި އުންމީދުތައް ހަސްފަސްވެގެން ދިޔައީ 30 ސެޕްޓެންބަރު 2019 ވަނަ ދުވަހު ޓީ-ޖެޓީ ސަރަޙައްދުގައި ހުރި ތެޔޮ ބައުޒަރެއްގައި ރޯވެ ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. ކައިވެންޏަށް އަހަރެއް ނުވެ، ފިރިމީހާ ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި ޚަބަރު ލިބިގެން ދިޔައީ ފިރިމީހާ އަންނާނެ ވަގުތުގެ އިންތިޒާރުގައި ކެތްމަދުވެފައި ހުއްޓައެވެ. އއ. މަތިވެރީގައި ހުއްޓައި މި ޚަބަރު ލިބުމާއެކު 19 އަހަރުގެ މަރިޔަމް ޝަހުދާ ވަގުތުން އައީ މާލެއަށެވެ.
އެދުވަހުން ފެށިގެން މިއަދާ ހަމައަށް ކަންތައްތައް ހިނގައިދިޔަ ގޮތް ޝަހުދާ ރާއްޖެއެމްވީއާ ހިއްސާކުރަމުން ބުނީ މި ހާދިސާގައި ފިރިމީހާގެ ހަށިގަނޑުގެ 65 އިންސައްތައަށް ވުރެ ބޮޑުބައި ފިހުނު ކަމަށާއި، އައިޖީއެމްއެޗްގެ އައިސީޔޫގައި 07 ދުވަސް ވަންދެން ފަރުވާ ދިން ކަމަށެވެ. ނަމަވެސް ލޭ އިންފެކްޓް ވެގެން ހާލަތު އިތުރަށް ގޯސްވާން ފެށުމުން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިރުޝާދާއެކު އިންޑިއާއަށް ފުރީ ކަމަށެވެ. އަލަތު ކައިވެންޏަށް ކުރި ފޮނި އުއްމީދުތައް ވިއްސި ވިހާލިވެ ދިރިއުޅުން ބަނަވެގެން ދިޔައީ ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އާސަންދައިން ކަވަރުކުރާ ގޮތަށް އިންޑިއާގެ ޓްރެވިންޑަމް ކިމްސް ހޮސްޕިޓަލްގެ އައިސީޔޫގައި 09 ދުވަސް ވަންދެން 26 އަހަރުގެ މުހައްމަދު އުނެއިޝް އޮތެވެ. އަދި 09 ދުވަސްފަހުން ރޫމަށް ބަދަލުކުރެވުނު ކަމަށް ޝަހުދާ ބުންޏެވެ.
ޝަހުދާ ކިޔާދިން ގޮތުގައި އޭނާގެ ފިރިމީހާގެ ދެ ސްކިން ގްރާފްޓް އޮޕަރޭޝަން (ހަންގަނޑު ބަދަލުކުރުން) ކޮށްފައިވެއެވެ. ނަމަވެސް އަދި ވެސް އުންމީދު ކަނޑާނުލާ މަސައްކަތް ކުރަނީ ފިރިމީހާއެކު ދެ ދުނިޔެ އާރާސްތުކުރަން ބޭނުންވާތީއެވެ.

ޝަހުދާ އޭނާގެ ފިރިމީހާ ބަލަހައްޓަމުންދާތާ މިއަދަށް މިވަނީ 04 މަހާއި ދުވަސްކޮޅެއް ވެފައެވެ. މިއަދާ ހަމައަށް އައިރު ވެސް އުނެއިޝްއަކަށް ނުހިނގެއެވެ. ނަމަވެސް މިހާރު މަޑުމަޑުން ހާލު ރަނގަޅުވަމުން އަންނައިރު، ކައިރި މުސްތަޤުބަލެއްގައި ފިރިމީހާގެ ހާލު މުޅިން ރަނގަޅުވެ ކުރީގެ ދިރިއުޅުން އިޔާދަވާނެ ކަމުގެ އުއްމީދު އޭނާ އަދިވެސް ގެއްލުވައެއް ނުލައެވެ. އެއުއްމީދާއެކު ފިރިމީހާއަށް ޚިދުމަތް ކުރުމުގައި ދެމިހުރީ، ހަފުސްވެފައިވާ ދިރިއުޅުން އަލުން ކޮޅަން ޖަހަން ނުހަނު ބޭނުންވާތީއެވެ.

އުނެއިޝްގެ ބައެއް އާއިލާ މެމްބަރުންނާއެކު، އިންޑިއާގައި ދިރިއުޅެމުންދާއިރު، މާލެ އަނބުރާ އާދެވޭނެ ދުވަހެއް ވެސް ނޭނގެއެވެ. އޭނާގެ މުޅި ދުވަސް ހޭދަކުރަމުން ދަނީ ފިރިމީހާ އުނެއިޝްއަށް ޚިދުމަތް ކުރުމުގައެވެ. ދުވަސްދާ ގޮތް ނޭނގުނު ނަމަވެސް އޭނާގެ އަމިއްލަ މަންމައާއި ބައްޕަ އަދި އާއިލާ މެމްބަރުންގެ އިތުރުން ގާތް ރައްޓެހިންގެ މަތިން ހަނދާންވާކަން އޭނާ ފާހަގަކުރިއެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ފިރިމީހާއާއެކު މިއުޅެނީ. ދުވަސްދާ ގޮތް ނޭނގޭ. އެކަމަކު އެންމެން މަތިން ވަރަށް ހަނދާންވޭ. ވަރަށް ޕްލޭންތައް ހަދާފަ ހުއްޓާ މިހާދިސާ ހިނގީ. މިކޮޅުގަ ތިއްބަ ކައިވެންނަށް އަހަރު ވެގެން ވެސް މިދިޔައީ. އިންތިޒާރު ކުރަނީ ފިރިމީހާ ރަނގަޅުވާނެ ދުވަހަކަށް. ފިރިމީހާއަށް މިދުވަސްކޮޅު ބޭނުންވަނީ އެންމެންގެ ކެއަރިންގ.ޝަހުދާ![]()
ޝަހުދާގެ ދައްތައެއް ކިޔާދިން ގޮތުގައި ކޮއްކޮގެ ކިބައިން ފެންނަމުންދާ ހިތްވަރަކީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައިވާ ކަމެއް ނޫނެވެ. އަދި މިއަދު ކޮއްކޮ އެ ވާ ޤުރުބާނީއަކީ އެންމެނަށް ހުރި ނަމޫނާއެއް ކަމަށެވެ. ކޮއްކޮގެ ކިބައިން ފެނިގެންދާ ހިތްވަރަކީ މިއަދު އާއިލާގެ މީހުންނަށް ވެސް ލިބޭ ހިތްވަރުކަން އޭނާ ފާހަގަކުރިއެވެ.

އުނެއިޝްގެ އާއިލާއިން ފާހަގަކުރާ ގޮތުގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުން އާންމުވެގެން ދަނީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީއެވެ. މި ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރުވެސް މަންޒަރު ދުށް މީހުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެންނެވެ. ތެޔޮ ބައުޒަރުގެ ހޮޅީގެ މެދުގައި ރޯވި ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި ހޮޅީގެ މެދުގައި ރޯވާން ދިމާވީ ސިނގިރޭޓެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގުމާއެކު ތެޔޮ ބައުޒަރުތައް ހުންނަ ސަރަޙައްދުތަކުގައި އެކަށީގެންވާ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައި ނުހުންނަ ކަމުގެ އެތައް ޝަކުވާތަކެއް ފެންމަތިވެގެން ދިޔައެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް އާންމުންގެ ގިނަ ބަޔަކު ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މި އަލިފާނުގެ ހާދިސާގައި އުނެއިޝްގެ އިތުރުން 3 މީހަކު ފިހުނެވެ. ނަމަވެސް މި މީހުންގެ ހާލު މިހާރު ރަނގަޅެވެ. މިއަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބުން މިއަދާ ހަމައަށް ހޯދިފައިނުވާއިރު، މި ހާދިސާގައި 01 ލޯންޗާއި، 06 ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާހުލިވެފައެވެ.