ދިވެހި ފުލުހުންނަށް ޢައިރު ޤާނޫނީ އަމުރު ނުކުރުމަށް ޕީޕީއެމް ޕީއެންސީ (ޕްރޮގްރެސިވް ކޯލިޝަން) އިން ގޮވާލައިފިއެވެ.
ބުރާސްފަތި ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ޙާލަތާ ނުބައްދަލް ބާރުގެ ބޭނުން ކުރުމަށް ފުލުހުންގެ އިސް ވެރިން އަމުރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މީހުން ހައްޔަރު ކުރުމުގައާއި، ފިޔަަވަޅު އެޅުމުގައި އެމީހުންނަށް ގޯނާކޮށް، އިންސާނީ ކަރާމަތް ގެއްލޭ ގޮތަށް އަމަލު ނުހިންގުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި އެއީ ފުލުހުންގެ އަޙުލާޤީ މިންގަނޑުން ބޭރުން ކުރެވޭ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، ފުލުހުންގެ މައްޗަށް ޢައިރު ޤާނޫނީ އަމުރު ހިންގުމަށް އަމުރު ކުރުމާއި، އެ އަމުރުތައް ތަންފީޒު ކުރަމުންދާތީ ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ އާއި، ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު (އެމްސީ ހަމީދު) އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން، ފުލުހުން މަސައްކަތް ކުރުމުގައި އަޙުލާޤީ މިންގަނޑުތައް ހިފެހެއްޓުމަށްވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން އެހެން ބުނެފައިވާއިރު، މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ފަރާތުން ޤާނޫނާއި ޚިލާފަށް ގިނަ ކަންކަން ހިންގައި، ސިޔާސީ ބޭނުންތަކަށް ފުލުހުންގެ ބޭނުންކޮށްފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.