ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 22:55
ކޯޗު އަލީ ސުޒޭން
ކޯޗު އަލީ ސުޒޭން
އެފްއޭއެމް
އަލީ ސުޒޭން
ސުޒޭންގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފި
ގްރީންގެ ކޯޗު ކަމާ ސުޒޭން ހަވާލުވީ 2018 ވަނަ އަހަރު ފެބްރުއަރީ މަހު
ގްރީންގެ ކޯޗުގެ މަގާމުން ސުޒޭން ވަކިވީ ސީޒަނުގައި ބާކީ ދެ މުބާރާތް އޮއްވައި

ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ވަކިވެއްޖެ އެވެ.

ގްރީންއާއެކު ސުޒޭން ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތް އެއްބަސްވެގެންނެވެ. ގްރީންއިން ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ސުޒޭންގެ އެއްބަސްވުން އުވާލިކަން ވަނީ ހާމަކޮށްފައެވެ.

އެ ކްލަބުން ބުނީ ގްރީން ސްޓްރީޓްސްގެ ކޯޗުކަމުގައި މިދިޔަ ދެ އަހަރު ސުޒޭން ހޭދަކުރިއިރު، ޕްރޮފެޝަނަލްކަމާއި މަސައްކަތްކުރުމުގެ ރަނގަޅު މާހައުލެއް ކްލަބުގެ ކުޅުންތެރިންގެ މެދުގައި އެނާ ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ ކްލަބު ކުރިއަށް ގެންދިއުމުގައި ސުޒޭން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

ގްރީންގެ ކޯޗް ކަމާ ސުޒޭން ހަވާލުވީ 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިފަހަރުގެ ސީޒަނާ ވަރުގަދަ ސްކޮޑަކާއެކު ގްރީންއިން ކުރިމަތިލި ނަމަވެސް، މާލީ ގޮތުން ދިމާވި ދަތިތަކާއެކު އެ ކްލަބުން ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލާފައެވެ. މިފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ގްރީންއިން ނިންމާލީ ހަތަރުވަނައިގައެވެ.

ގްރީންގެ ކޯޗުގެ މަގާމުން ސުޒޭން ވަކިވިއިރު، މި ސީޒަނުގައި އަދި ބާކީ ދެ މުބާރާތް އެބައޮތެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެވެ.

މިއީ 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ގްރީންއިން ސީޒަން މެދުތެރެއިން ކޯޗު ދޫކޮށްލި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2017 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން ސޮބާހު މުހައްމަދުގެ އެއްބަސްވުންވެސް ނިމުމަކަށް ގެނެސްފައެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ސުޒޭން ވަނީ މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކޯޗުކަން ކޮށްދީފައެވެ. އަދި އޭނާ ވަނީ ކޯޗިން ކެރިއަރުގައި 11 ތަށި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް