ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިނާފް މައްސަލަ ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެދަށުން، ޖަލުން ދޫކޮށްލުމުގެ އަމުރެއް ނެރެންޖެހޭ ތަނެއް ނެތްކަމަށާއި އަދި އެމަނިކުފާނުގެ މައްޗަށްކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެންޖެހޭ ތަނެއްވެސް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، 5 އަ އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ތެރެއިން، އެމަނިކުފާނު ވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު ޖަލުން ދޫކޮށްލުމުގެ އަމުރަކާއި، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފަ އެވެ. މިމައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ ދެ އަމުރާމެދު ގޮތެއް ނިންމުމަށްފަހު، އިސްތިއުނާފްގެ މިމައްސަލާއި މައުލޫއީ ގޮތުން ކުރިއަށް ގެންދަވާގޮތަށެވެ. އެގޮތުން، ނިމިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން، ނެރެދެއްވުމަށް އެދިފައިވާ ދެ އަމުރާ ނެރެދެއްވުމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާފަ އެވެ. އަދި ދައުލަތުގެ ފަރާތުންވެސް އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު، މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ ދައުލަތުގެ ވަކީލުންނާއި އަދި ދިފާއީ ވަކީލުންނަށް ގިނަ ސުވާލުތަކެއް އަމާޒުކޮށް، އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިޅުވާފަ އެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އެ ދެ އަމުރާމެދު ގޮތެއް ނިންމާފައިވާއިރު، ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުން ވެސް ވަނީ އެ ފަނިޑޔާރުންގެ ރައުޔު އިއްވަވާ ދެއްވާފަ އެވެ. އެގޮތުން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލާނެ ތަނެއް ނެތްކަމަށް ނިންމާފައިވަނީ މިމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެވެ.
ނަމަވެސް ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާފައިވާ އަމުރު ނެރެދެއްވުމާ ގުޅޭ އަމުރާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އިޣްލަބިއްޔަތުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ. މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ، ހުކުމް ތަންފީޒު ކުރުމުގެ އަމުރުތަކެއް ސުޕްރީމް ކޯޓުން ކޮށްފައިވާކަމަށާއި، އެހެންކަމުން ރައީސް ޔާމީންގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް، ހައިކޯޓުގައި އޮތް އިސްތިއުނާފްގެ މިމައްސަލަ ނިމެންދެން، ތަންފީޒުކުރުން ފަސްކުރުމަށް ފެންނަ ކަމަށެވެ.
ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު ޙުސައިން މަޒީދު އެވެ. ދެން ތިއްބަވާ އަނެއް ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒު އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން، ފަނޑިޔާރު މަޒީދު ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި ދެ އަމުރާ މެދު ގޮތެއް ނިންމުމަށްފަހު، އިސްތިއުނާފްގެ މައްސަލަ ކުރިއަށް ގެންދަން ބަލާއިރު، މިއަދުގެ އަޑުއެހުމުގައި އިތުރަށް ވަގުތު ނެތް ކަމަށެވެ. އަދި ފަނޑިޔާރުންގެ އެހެން އަޑުއެހުންތަކެއް ހުރުމުން، ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް މި ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވޭނެ ކަމަށެވެ.
މިދިއަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވާކަމަށް ނިންމައި، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ކޯޓުގެ ހުކުމުގައިވެއެވެ.
މީގެއިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް، އަދި ފަހުން އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި 36 މަސް ދުވަސް ވަންދެން އިންވެސްޓްކޮށްފައި ފައިދާ ހޯދާފައިވާތީ، އެފައިސާ ދައުލަތަށް ނަގާ ދިނުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެނގިފައިވާ ގޮތުގައި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅުއްވާފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 3.4 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތައް ނެގުމުގެ އަމުރެއް ނެރެދެއްވުމަށެވެ.
މީގެއިތުރުން ވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކެއްގެ ތަހުގީގު ރައީސް ޔާމީންގެ މައްޗަށް ހިންގަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެފައި ވެއެވެ.