އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސްޕޭސް އެޑިއުކޭޝަން ޕްރޮގުރާމް ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ކުރިޔަށް ގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސްގެ ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ގިޔާސުއްދީން ސްކޫލްގައި ނާސާގެ ސްޕޭސް އެޑިއުކޭޝަން ޕްރޮގުރާމް ކުރިޔަށް ގެންދެވޭނެކަމަށާއި އެގޮތުން ސްކޫލުގެ ދަރިވަރުންނަށް ނާސާގައި ތަމްރީން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.
ޕްރޮގުރާމްގެ އެންމެ ބޮޑު ބޭނުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި ކިޔަވާ ކުދިންގެ ވިސްނުން ދުނިޔޭގައި ކުރި އަރާފައިވާ ގައުމުތަކުގެ ކިޔަވާކުދިންގެ ވިސްނުމާއި އެއް މިންގަޑަކަށް ގެންދިޔުންކަމަށާއި އުންމީދަކީ ޕްރޮގުރާމްގެ ދަށުން ބޮޑެތި ކަންތައްތަކާއި ކުރިމަތިލައި ދުނިޔޭގެ ފެންވަރުގެ ނަތީޖާ ހާސިލްކުރުމަށް ދަރިވަރުންނަށް ހިއްވަރު ލިބިގެންދާނެކަމަށެވެ.
އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވާ ކަންތައް ހާމަކުރައްވަމުން ރިއްފަތު ވިދާޅުވީ އެންމެ ފުރަތަމަ ގެންދެވޭނީ ހަނދަށް ދިޔުމާއި ބެހޭ ގޮތުން ނާސާއިން ތައްޔާރުކޮށްފައިވާ ޕްރޮގުރާމެއްކަމަށެވެ. އަދި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ރޮކެޓް ހަދައި، ޑިޒައިންކޮށް ފޯމް ރޮކެޓެއް ލޯންޗް ކުރާނެކަމަށައި އަދި އޭގެއިތުރުންވެސް ހަނދަށް ދިޔުމަށްޓަކައި ކުރާ މަސައްކަތާއި ސާފުބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރާ މަސައްކަތް ފެންނާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިތުރު ޕްރޮގުރާމްތައް މި އަހަރު ތެރޭގައި ލޯންޗް ކުރެވިގެންދާނެކަމަށްވެސް ރިއްފަތު ވަނީ ވިދާޅުވެފައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން 2024 ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ގެންދިޔުމަށް ނާސާއާއި ވަނީ ހަވާލުކުރެވިފައި. މި ޕްރޮގުރާމްގައި ކުދިން ދެނެގެންނާނި ހަނދަށް ގެންދިޔުމަށްޓަކައި ނާސާގެ ސައިންވެރިންނާއި އެސްޓްރެނައުޓުންނާއި އިންޖީނިއަރުން ކުރާ މަސައްކަތުގައި އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތް ކުދިން ދެނެގަންނާނެ.އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސްގެ ސީއީއޯ ރިފްއަތު މުހައްމަދު
އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް އާއި ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ވެވުނު އެއްބަސްވުމުގެ ދަށުން ޖައްވީ ސައިންސްގެ ދާއިރާއިން ދަރިވަރުންނަށް ބައިވަރު ފުރުސަތުތަކެއް ހުޅުވިގެން ދާއިރު، ނާސާގެ ޓްރެއިނިންގް އިންސްޓިޓިއުޓްއަށް ކުދިންނަށް ޒިޔާރަތްކުރުމުގެ ފުރުސަތެއް ހުޅުވިގެންދިއުމުގެ އިތުރުން އެސްޓްރެނައުޓުން ޓްރެއިން ކުރުމަށް ބޭނޫންކުރާ ވަސީލަތްތައް ބޭނުންކޮށްގެން ޓްރެއިން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ވިސްނުން އިތުރަށް ފުޅާވެގެންދާނެކަމަށްވެސް ސްކޫލުން ވަނީ ބުނެފައެވެ.