ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 22:58
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ
ސޯޝަލް މީޑިއާ
ބްރޯޑްކޮމް
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލު އާންމުކޮށްފި
ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ އުސޫލު ބަޔާންކޮށްފައިވޭ
އީސީއާއި ބްރޯޑްކާސްޓަރުންނާ ކޮމިޝަނުން ބައްދަލުކޮށް، މި އުޞޫލާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލު ގެޒެޓްކުރުމަށްފަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުދަ ދުވަހު އާންމުކޮށްފިއެވެ.

ބްރޯޑްކޮމް އިން ބުނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެގޮތުން ޕްރޮގްރާމާއި އިސްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް މި އުސޫލު ބަޔާން ކުރާ ކަމަށެވެ. އަދި އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ ހަމަތައް ވެސް މި އުސޫލުގައި ބަޔާންކުރާކަމަށެވެ.

އެކޮމިޝަނުން ބުނީ އަލަށް އެކުލަވާލާ އުޞޫލަށް ޢަމަލުކުރަން ފެށުމުން، 13 އޮގަސްޓް 2018 ގައި ގެޒެޓްކޮށްފައިވާ އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު އުވިގެންދާނެ ކަމަށެވެ. އަދި 25 ފެބްރުވަރީ 2019 ގައި ގެޒެޓްކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު ވެސް އުވޭނެ ކަމަށެވެ.

މި އުސޫލު އެކުލަވާލުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ އިތުރުން ބްރޯޑްކާސްޓަރުންނާ ކޮމިޝަނުން ބައްދަލުކޮށް، މި އުޞޫލާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

- ކޮމެންޓް