ޖެންޑަރ މިނިސްޓްރީން ބުނީ އަޙްމަދު ޙިޝާންއާ ގުޅުންހުރި، ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ޤާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017 ވަނަ އަހަރުގެފަހުކޮޅުގައެވެ. އަދި އެމީހާއާ ހިޝާންއާ ފުރަތަމަ ބައްދަލުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވަނީ އެއަހަރުގެ ޖަނަވަރީ މަހުކަމަށެވެ.
އެގޮތުން ޖެންޑަރ އިން ބުނީ 2017 ވަނަ އަހަރު އެ މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައިއިރުވެސް މި މައްސަލައިގައި ހިމެނޭ މީހާއަށް 18 އަހަރު ފުރިފައިވާތީ، އެއިރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ނިންމާފައި ވަނީ އެހެން ވެސް ބޮޑެތި މީހުންނާ މެދު ޢަމަލުކުރާ އުސޫލުން އޭނާއާ މެދު ޢަމަލުކުރުމަށް ކަމަށެވެ. އަދި އެ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މައްސަލަ ފުރަތަމަ ޝަރުޢީ ކޯޓަކަށް ހުށަހެޅިފައިވަނީ ވެސް 2017 ވަނަ އަހަރުގެތެރޭގައި ކަމަށެވެ.
ޖެންޑަރ އިން އިތުރަށް ބުނީ އެ މައްސަލައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މަންމަ، އޭނާގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާގެ 18 އަހަރުފުރިފައިވާ ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަން ހިޝާންއާ ޙަވާލުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އެއިރު ފެމިލީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅިގެން މި މިނިސްޓްރީން މި މައްސަލައިގައި ހިމެނޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ޞިއްޚީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް ހަދާފައެއް ނުވާ ކަމަށެވެ. ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ "އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި، އޭނާއާ ގުޅޭގޮތުން ލިބިފައިވާ ޞިއްޙީ އަދި އެހެނިހެން މަޢުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައި ނުވާ" ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން އޭނާއާމެދު ޢަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭއެއްގޮތަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.
2018 ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވެފައިވީ ނަމަވެސް އެއިރު މި މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ، 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދެވޭ، އެ މީހެއްގެ އަމިއްލަ ކަންކަން އަމިއްލަ އިޚުތިޔާރުގައި ނިންމުމާއި އެފަދަ އެންމެހައި ޙައްޤުތަކާއި މިނިވަންކަން މިއަދާ ހަމައަށްވެސް އޭނާއަށް އޮތީ ލިބިދީފައިކަމަށް ޖެންޑަރ އިން ބުނެއެވެ. އަދި އޭނާގެ މަންމަ ވެސް ހިމެނޭގޮތަށް ޢާއިލާގެ ރުހުމާއެކު އޭނާގެ އަމިއްލަ އިޚުތިޔާރުގައި ދިރިއުޅެމުން އަންނަނީ ހިޝާން ދިރިއުޅޭ އެޕާޓުމެންޓުގަައި ކަމަށެވެ. ނަމަވެސް މި އަހަރުގެ ފެބުރުވަރީ މަހު ހިޝާންއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަޙުޤީޤު ފަށާފައިވާ ކަމަށެވެ. އަދި އާއި އެ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ވަށައިގެންވާ ކަންކަމާއި، އަދި އޭނާގެ ޙާލަތާގުޅޭގޮތުން މި ވަގުތު މިނިސްޓްރީގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް، އޭނާއަކީ އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ ތަޙުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ކުރީއްސުރެ ހިނގަމުން އަންނަ މިފަދަ މައްސަލަތަކާ ގުޅޭ ގޮތުން ކުރިން ނިންމައިފައިވާ ނިންމުންތަކުގެ ސަބަބުން ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ނުވަތަ ޙައްޤަކަށް އުނިކަންލިބޭކަން ފާހަގަކުރެވޭނަމަ، އެ މައްސަލައެއް އަލުން މުރާޖާކޮށް އިތުރަށް އަޅަންވާ ފިޔަވަޅެއް އޮތްނަމަ ލަސްނުކޮށް އެ ފިޔަވަޅެއްއެޅުން ކަމުގައި ވެސް މިނިސްޓްރީން ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ގޭތެރެއިންނާއި، ގެއިންބޭރުންލިބިދާނެ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކާއި އިހާނެތި ގޯނާތަކުންނާއި، ފުރައްސާރަކުރުމުންނާއި، އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމީހުންގެ ބޭނުންނަހަމަގޮތުގައި ހިފުން ފަދަ އެންމެހައި ކަންކަމުން އެމީހުން ޙިމާޔަތްކުރަންވާނެއެވެ. އަދި މިފަދަ ޢަމަލުތަކުން އެމީހުން ރައްކާތެރިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި، އެމީހުންނަށާއި އެމީހުންގެ ޢާއިލާތަކަށާއި މުޖްތަމަޢުގެ އެހެން މީހުންނަށް މިފަދަ ޢަމަލުތައްދެނެގަތުމަށާއި، ހުއްޓުވުމަށާއި، ކަމާބެހޭ ފަރާތައް ރިޕޯޓްކުރުމަށް މަގުފަހިކޮށްދިނުމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް ލިބިދޭންޖެހޭ އިންސާފާއި، ރައްކާތެރިކަމާއި، ފަރުވާއާއި، އެހީތެރިކަން ހޯދައިދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާޤާނޫނީ، އިދާރީ، އިޖްތިމާޢީ، އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް ދައުލަތުންއަޅަންވާނެ ކަމަށް ގާނޫނުގައިވެއެވެ.