ކުޑަކުދިންނާއި ގުޅުންހުރި މުހިއްމު 2 މައްސަލައެއްގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.
ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ދިރާސާކޮށްފައިވަނީ ކުރީގެ "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" އަޙްމަދު ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި، ދެކުނުގެ ރަށެއްގައި މަންމައަކު އޭނާގެ ދަރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އެގޮތުން "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" ކަމާއި ޤައުމީ އިނާމު ދިން އިރުވެސް ހިސާންއާމެދު ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑަރ މިނިސްޓްރީއަށް އެނގޭކަން ހާމަވެފައިވާކަމަށާއި، ޖެންޑަރ މިނިސްޓްރީން މިމައްސަލައިގައި ވެފައިވާ އިހުމާލު ބެލުމަށް އެދި އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއްވެސް ހުށައަޅާފައިވެއެވެ.
އެގޮތުން 19 އަހަރުގެ ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނެއްގެ ބެލެނިވެރިކަން އަޙްމަދު ހިޝާނަށް ދެވެން ނެތްކަމަށް ފެމިލީ ކޯޓުން ނިންމީ 2018 ވަނަ އަހަރެވެ. އަދި އެޒުވާނާގެ ބެލެނިވެރިކަން، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާއިހަމައަށް ހިޝާނަށް ދެވެން ނެތްކަމަށް ފެމެލީ ކޯޓުން ޙުކުމްކުރި ނަމަވެސް އޭރުން ފެށިގެން މިއަދާއި ހަމައަށްވެސް އެޒުވާނާ އުޅެނީ އަޙްމަދު ހިޝާނާއެކު ކަމަށް ހައިކޯޓަށް މަޢުލޫމާތު ލިބިފައިވާކަންވެސް ވަނީ ހާމަވެފައެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން އެކަމާއި އަޅާނުލާ އޮތްކަމީ އެމިނިސްޓްރީގެ އިހުމާލު އިންތިހާއަށް ހާމަވާ ކަމެއް ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
އޭގެ އިތުރުން، ދެކުނުގެ ރަށެއްގައި މަންމައަކު އޭނާގެ ދަރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްވެސް ދިރާސާކޮށްފައިވާއިރު، އެ މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތާއި، ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތު ހޯދުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އެ ކުއްޖާއާއި ޢާއިލާގެ މިހާރުގެ ޙާލަތު ފުލުހުންނާއި ރަށު ކައުންސިލުން ހޯދުމަށްވެސް ވަނީ ނިންމާފައެވެ.
މި ދެ މައްސަލައިގައިވެސް ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖެންޑަރ މިނިސްޓްރީއާއި، ކަމާބެހޭ މުއައްސަސާތަކުން ލިއުމުން ޖަވާބު ހޯދުމަށް ކޮމިޓީ މެމްބަރުން އިއްތިފާޤުވެލައްވާފައިވާއިރު، އެއަށްފަހު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭނަމަ އެކަން ކުރާނެ ކަމަށް ކޮމިޓީ މެމްބަރުން ވަނީ ބުނެފައެވެ.