މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް މަޤާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާޤުން ނިންމައިފި އެވެ. ޖެންޑަރ މިނިސްޓަރު ޝިދާތާގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީން ނިންމިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އަދި ޖެންޑަރ މިނިސްޓްރީގެ އިހުމާލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ޝިދާތާއާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެހެންކަމުން އެމްޑީޕީގެ ޕީޖީން ނިންމާފައިވަނީ، ޖެންޑަރ މިނިސްޓަރު ކަމުގެ މަޤާމުގައި ޝިދާތާ އިތުރަށް ހުންނަވަން ފެނިވަޑައި ނުގަންނަވާކަމަށެވެ.
ޖެންޑަރ މިނިސްޓަރު ޝިދާތާގެ އިސްތިޢުފާ ދެއްވުމަށް ގޮވާލައި އަޑުގަދަވެގެން ދިޔައީ، ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކާ، އެކުއްޖާ މުނިކާފަ އާއި ކާފަ ޖިންސީ އަނިޔާދިންއިރު، އެ ތުއްތު ކުއްޖާގެ ބައްޕަގެ އިހުމާލު އެކަމުގައި ތުހުމަތު ކުރެވޭ މައްސަލަ ފެންމަތިވި ހިސާބުން ނެވެ. އޭގެ ފަހުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާދިން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ޖެންޑަރ މިިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، ވެސް ޝިދާތާގެ އިސްތިޢުފާއަށް ގިނަބަޔަކު ދިޔައީ ގޮވަމުން ނެވެ.
އެންމެފަހުން، ކުރީގެ "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" އަޙްމަދު ހިޝާނަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލާގައި، ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ ހުށަހެޅި މަޖިލީހަށް ބަލައިގަނެ، މެންބަރުން ބަހުޘް ކުރައްވާފަ އެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މި މައްސަލަ މަޖިލީހުން ބަލައިގަތީ 41 މެންބަރުންގެ ވޯޓާއި އެކުއެވެ. މިމައްސަލައަށް ބަހުުސް ކުރެއްވި މެމްބަރުން ވަނީ މިނިސްޓަރު ޝިދާތާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.