Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 15:20
ކެންސަރު ބަލީގެ ދުވަސް
ކެންސަރު ބަލީގެ ދުވަސް
ގޫގުލް
ކެންސަރު ބަލީގެ ދުވަސް
ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންގެ ތެރެއިން %17 މަރުވަނީ ކެންސަރު ބަލީގައި!
ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރު
އަންހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގަ ކެންސަރު އަދި އުރަމަތީގެ ކެންސަރު
ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރޭ

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގެ ސަބަބުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެވެ.

ކެންސަރު ދުވަހާއި ގުޅިގެން 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓާ ހަވާލާދީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 އިންސައްތަ މީހުން މަރުވާއިރު މީގެތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ 2016 ވަނަ އަހަރުގެ އާސަންދައާއި އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ޢާންމު ކެންސަރު ތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރު ކަމަށެވެ. އެޗްޕީއޭއިން ބުނީ ކެންސަރު ބަލީގެ ތެރެއިން ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރާއި މޭގެ ކެންސަރު ކަމަށެވެ. އަންހެނުންނަށް ޖެހެނީ އަނގައިގަ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަރވައިކަލް ކެންސަރު)، ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރު ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

Advertisement

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިނޫނަސް އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގެމުންނެވެ. އަދި ކެންސަރު ބަލީގެ ގައުމީ ދަފްތަރު ވަނީ އެކުލަވާލެވިފައެވެ.

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 04 ވަނަ ދުވަސް ކެންސަރުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ކެންސަރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ޤައުމު ތަކުންނާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ކެންސަރު ބަލިން މަރުވާ މީހުންގެ އަދަދު މަދުކުރުމުވެ. މި ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ދުވަހާގުޅޭ ޝިޢާރެއް ކަނޑައަޅައެވެ. މި އަހަރަށް ކަނޑަ އަޅާފައިވާ ޝިޢާރަކީ "I am and I will" އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް