ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އަދުހަމް މުހައްމަދު (21އ)ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
އަދުހަމްގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށްޖެހީ 15 ދުވަހެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެންމެ ފަހުން ހަތް ދުވަސް އިތުރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
އަދުހަމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް އިތުރުކުރިއިރު، ނިމިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އަދުހަމްގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވެ އޭނާ އެއް އަހަރާއި 12 ދުވަހަށް ޖަލު ހުކުމެއް ވަނީ ކްރިމިނަލް ކޯޓުން އިއްވާފަ އެވެ.
މި މައްސަލައިގައި އަދުހަމުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ރަށްދެބައިމަގު ޑްރީމް ގެސްޓް ހައުސް ކުރިމަތީގައި ބަހައްޓާފައިހުރި ސައިކަލެއް އެހެން މީހަކު މެދުވެރިކޮށް ހުޅުމާލެއަށް ގެންގޮސްފައިވާތީއެވެ.
ފޭރުމާއި މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑް އޮތް އަދުހަމް މިނިވަންކަމާއެކު ދޫކޮށްލާފައި ހުއްޓާ އޭނާ، އެންމެ ފަހުން ހައްޔަރުކުރި މައްސަލަ ކަމަށްވާ، ގާސިމްގެ މަރުގެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ، ގާސިމްގެ ޓެކްސީއަށް އަރައި، ވަޅިން ބިރުދައްކާ، ފޭރެން އުޅުމުގެ ތެރޭގައި، ގާސިމްގެ ކަރަށް ވަޅިން ދިން ހަމަލާއަކުން ގާސިމް މަރުވި މައްސަލާގަ އެވެ.
ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ގާސިމް މަރުވީ، މަރާލުމުގެ ގަސްތުގައި ދިން ހަމަލާއަކުން ނޫން ކަމަށާއި، ވަޅިން ހަމަލާދިނީ، ގާސިމް ހަޅޭއްލަވަން ފެށުމުން، އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް އަދުހަމާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ގާސިމްގެ މަރުގެ މައްސަލާގައި އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ގާސިމްގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް އެމައްސަލާގައި ހައްޔަރުކޮށްފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) އެއްބާރުލުން ދެމުންދާ ކަމަށެވެ. އެގޮތުން އޭނާ ގާސިމަށް ހަމަލާދިގޮތާއި އެމައްސަލައިގެ ވަަށައިގެންވާ ކަންކަން އަދުހަމްގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ކިޔާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.