މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގަމުންދާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވި، މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރަަން ޖެެހޭ އެއް ކަމަކީ މަޝްރޫޢުތައް ނުހިނގާ ހުރިއްޔާ އެ މަޝްރޫޢުތައް ނުހިންގާ ސަބަބު ހޯދުން ކަމަށެވެ.
މި ސަރުކާރުގެ ވެރިކަމަށް އަހަރެއް ވެފައިވާއިރު ވޭތުވެދިޔަ އެއް އަހަރު ދުވަސް ތެރޭގައި ބޭރުގެ އެހީއާއެކު ގިނަ މަޝްރޫޢުތަކެއް ރާއްޖެއަށް ލިބިފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ ފަހުން އާޒިމް ވިދާޅުވީ، މިހާރުވެސް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގަމުން އެބަދާ ކަމަށެވެ. ނަމަވެސް އެއީ ކޮރަޕްޝަނުގެ ކޮން ޢަމަލެއް ކަމެއް އާޒިމް ހާމައެއް ނުކުރައްވައެެވެ.
އަދި އެފަދަ މައްސަލަ ތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. އެކަމަކު ކުރީ ސަރުކާރުގައި ހިންގާފައި ހުރި ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް އެ ކޮމިޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ. މި ސަރުކާރުން ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮލަރެންސެވެ.
މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށާއި ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަނުގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، މީގެ ކުރިން ވިދާޅުވެފައެވެ.