Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 16:33
އެމްއޯޔޫގައި ސޮއިކުރެއްވި ރަސްމިއްޔާތު
އެމްއޯޔޫގައި ސޮއިކުރެއްވި ރަސްމިއްޔާތު
ފޮރިން މިނިސްޓްރީ
އިންޑިއާ- ރާއްޖެ
އިންޑިއާގެ އެހީގައި އިތުރު 6 މަޝްރޫއުއެއް
މި ރަސްމިއްޔާތުގައި ސޮއި ކުރެވުނު 6 މަޝްރޫއަކީ އިންޑިއާ ގްރާންޓުގެ އެހީގައި ހިންގާ މަޝްރޫއުތަކެއް
ދާއިރާތަކުގެ މެމްބަރުން ބައިވެރިވި

އައްޑޫ ސިޓީއާއި ހޯރަފުށިީގައި ހިންގުމަށް ހަމަޖެހިފައިވާ 6 މަޝްރޫއުއެއްގެ އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވުނު މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. މީގެއިތުރުން، އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެޑައިގެންނެވިއެވެ.

Advertisement

މި ރަސްމިއްޔާތުގައި ސޮއިކުރެވުނު 6 މަޝްރޫއަކީ އިންޑިއާގެ ހައި އިމްޕެކްޓް ގްރާންޓު އެއިޑްގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. މީގެތެރެއިން 5 މަޝްރޫއަކީ އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެވެ. އަދި ހޯރަފުށީގައި 1 މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އައްޑޫގެ 5 ތަނެއްގައި ޓުއަރިޒަމް ޒޯންތައް ތަރައްގީ ކުރަން ހަމަޖެހިފައިވެއެވެ. އެއީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ މި އެމްއޯޔޫގައި އައްޑޫގައި ޓުއަރިޒަމް ޒޯންތައް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ލޭންޑްސްކޭޕިންގެ މަސައްކަތްކޮށް، ބީޗް ހެދުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ޑީޓެއިލްޑް ކޮންސެޕްޓެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މި ގްރާންޓުގެ ދަށުން މީގެކުރިން އައްޑޫގައި، ގޭދޮށު މަސްޖަގަހަ ގާއިމުކުރުމުގެ ތިން ޕްރޮޖެކްޓެއް އިއުލާނުކުރެވި، ކޮންސަލްޓެންޓުން ކަނޑައަޅާ، މިހާރު މަސައްކަތް ފަށާފައިވާކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.

6 ވަނަ މަޝްރޫއަކީ ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމު ކުރުމެވެ. މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލްގެ ރައީސް ވިދާޅުވީ އެފަދަ ޕްލާންޓެއް ހޯރަފުށީގައި ގާއިމުވެގެން ދިއުމަކީ އިހަވަންދިއްޕޮޅު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްގެ ފަރާތުންވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައިވާކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ޕްލާންޓު ގާއިމުކުރާނެ ބިން ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ލަހެއް ނުވެ މި މަސައްކަތް ފެށޭނެ ކަމަށެވެ. ކައުންސިލް ރައީސް ވަނީ މި މަޝްރޫއު ކާމިޔާބުކޮށްދެއްވުމުގައި އެ ދާއިރާގެ މެމްބަރު ސަލީމް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ، މެމްބަރަށް ޝުކުރުއަދާކުރައްވާފައެވެ.

މި ހިލޭ އެހީއަކީ އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން، އެ ގައުމުގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް މާޗް މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދޭން އެއްބަސްވެވުނު އެހީއެކެވެ. މި އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ހިންގާނީ ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް