ކ. މާލެ
|
24 މާރޗް 2017 | ހުކުރު 01:00
ލަނޑު ޖެހުމަށްފަހު ޕޮޑޯލްސްކީ އުފާފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ޕޮޑޯލްސްކީ އުފާފާޅުކުރަނީ
ގޯލް.ކޮމް
ލޫކަސް ޕޮޑޯލްސްކީ
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ޕޮޑޯލްސްކީ ވަނީ ޖަރުމަން ޓީމަށް 130 މެޗު ކުޅެދީފަ
އިންގްލޭންޑް އަތުން ޖަރުމަން މޮޅުވީ 0-1 ގެ ނަތީޖާއަކުން

ޖަރުމަނު ގައުމީ ޓީމަށް ޖަހައިދިން ފަހު ލަނޑާ އެކު އެގައުމުގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންޔާ ލޫކަސް ޕޮޑޯލްސްކީ ރަސްމީކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ބުދަ ދުވަހުގެރޭ އިނގިރޭސި ވިލާތާ ދެކޮޅަށް ކުޅުނު އެކުވެރި މެޗަށް ފަހު އެވެ. ޖަރުމަނުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޕޮޑޮލްސްކީ އެވެ.

މި މެޗުގައި އެޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންނުދިޔަ ނަމަވެސް، މުޅި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޓީމުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެން ނިކުތް ލޫކަސް ޕޮޑޯލްސްކީ އެވެ.

މި މެޗުގައި އިންގްލޭންޑަށް ލަނޑު ޖަހަން ހުސް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. 

އެފްސީ ކޮލޯން އިން ކެރިޔަރު ފެށި މިހާރު އުމުރުން 31 އަހަރުގެ ޕޮލްޑޯސްކީ ވަނީ ބަޔާން މިއުނިކް، އާސެނަލް އަދި އިންޓަމިލާން ފަދަ މަޝްހޫރު ކްލަބްތަކަށް ކުޅެ ގިނަ ކާމިޔާބީތައް ހޯދާފަ އެވެ.

މިހާރު ގަލަސަތަރާއި އަށް ކުޅެމުން އަންނަ ޕޮޑޯލްސްކީ ވަނީ އެޓީމާއެކު ތުރުކީ ސުޕާކަޕް ދެފަހަރު އަދި ތުރުކީ ކަޕް އެއްފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމަށް މިވީތަނަށް ކުޅުނު 66 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފަ އެވެ. 

ޖަރުމަން ގައުމީ ޓީމުން 2004 ވަނަ އަހަރު ޖާގަ ހޯދި ޕޮޑޯލްސްކީ ވަނީ މެދުނުކެނޑި ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދާ އެޓީމަށް 130 މެޗު ކުޅެދީ 49 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މީގެއިތުރުން އޭނާ ވަނީ ޖަރުމަން ޓީމާއެކު 2010 ވަނަ އަހަރު އަދި 2006 ވާނަ އަހަރު ވޯލްޑްކަޕްގެ ތިންވަނަ ހޯދުމުގެ އިތުރުން 2014 ވަނަ އަހަރު އެޓީމައެކު ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް