ކ. މާލެ
|
24 މާރޗް 2017 | ހުކުރު 00:53
ހދ. އަތޮޅު ޒޯނުގައި ކުޅުދުއްފުއްޓާއި ކުރިނބީ ބައްދަލުކުރި މެޗުގެ ތެރެއިން
ހދ. އަތޮޅު ޒޯނުގައި ކުޅުދުއްފުއްޓާއި ކުރިނބީ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
މިނިވަން ޗެމްޕިއަންޝިޕް
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
ކުރިނބީ އަތުން ކުޅުދުއްފުށި މޮޅުވީ 4 ލަނޑު 2 ލަނޑުން
ހދ. އަތޮޅު ވަނީ ތިން ގްރޫޕަށް ބަހާލާފައި

އެފްއޭއެމުން އިންތިޒާމްކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ހދ. އަތޮޅުގެ ފުރަތަމަ މެޗު ކުޅުދުއްފުށިން ކާމިޔާބުކޮށްފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ކުރިނބީއާ ވާދަކޮށް 4 ލަނޑު 2 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ލަނޑުޖަހާ ލީޑު ނެގީ ކުރިނބީންނެވެ. އެގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަނާން އެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށިގެންވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުންދިޔައީ ކުރިނބީ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ ކުޅުދުއްފުށީ ޓީމު ހާސްކޮށްލާފަ އެވެ. މި ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާމިދު އާދަމެވެ.

ދެ ލަނޑުގެ ލީޑަކާއެކު ޑިފެންސިވް ގޭމެއް ކުރިނބީ ޓީމުން ކުޅެމުންދިޔަ އިރު، ކުޅުދުއްފުށިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ކުރިނބީ ހާފަށް ބާރުބޮޑުކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 72 ވަނަ މިނެޓުގައި ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.  މިލަނޑު ކާމިޔާބުކޮށްދިނީ އަންވަރު އާދަމެވެ. އަދި އޭނާ ވަނީ 80 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ފަހު ވަގުތު މޮޅަށް ކުޅެމުންދިޔަ ކުޅުދުއްފުއްޓަށް އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދިޔައީ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިބްރާހިމް ހަސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންގެ ފަރާތުން އާދަޔާ ހިލާފު ސަޕޯޓެއް ފެނިގެންދިޔަ މި މެޗުން އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 90 ވަނަ މިނެޓުގައި ހަސަން ސާމިލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިއަތޮޅުގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ. އެގޮތުން ހުކުރު ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާނީ ނޮޅިވަރަމްއާއި ފިނޭ އެވެ.

ތިން ގުރޫޕްއަކަށް ބަހާލައިގެން ކުރިއަށްދާ މި ޒޯނުގެ ގުރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށި، ކުރިނބި އަދި ކުމުންދޫ އެވެ. ގުރޫޕް ދޭއްގައި ހިމެނެނީ ނޮޅިވަރަމްއާއި ފިނޭ އަދި ނޮޅިވަރަމްފަރެވެ. ގުރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދޫއާއި ނޭކުރެންދޫ އަދި ހިރިމަރަދޫ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް