ސައުތެމްޓަން ފަސޭހަކަމާއެކު ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 22 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ސައުތެމްޓަންގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ލިވަޕޫލުން ޖެހިޖެހިގެން ހޯދި 16 ވަނަ މޮޅެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 25 މެޗުން ލިބުނު 73 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 24 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލްގެ ލީޑު 19 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.
ލިވަޕޫލްގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. މެޗުގައި ލިވަޕޫލުން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. ރޮބާޓޯ ފިރްމީނޯ ދިން ޕާހަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެލެކްސް އޮކްސެލޭޑް-ޗެމްބަލެއިން އެވެ.
މެޗުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ 60 ވަނަ މިނެޓުގައި ފިރްމީނޯ ދިން ޕާހަކުން ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އަދި އޭގެ 12 މިނެޓު ފަހުން ހެންޑަސަން ދިން ބޯޅައަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ފިރްމީނޯގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ސަލާހު އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސައުތެމްޓަންގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް މެޗަކުން ބަލިވެފައެއް ނުވެއެވެ. ލިވަޕޫލް މިހާރު ވަނީ ލީގުގައި ބަލިނުވެ 42 މެޗު ހަމަކޮށް ނޮޓިންހަމް ފޮރެސްޓުގެ ރެކޯޑާ އެއްވަރުކޮށްފައެވެ. ލިވަޕޫލަށްވުރެ ރެކޯޑް ރަނގަޅީ ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދައި ޖުމްލަ 49 މެޗު ހަމަކުރި އާސެނަލް އެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހު ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު، ހޮނިހިރު ދުވަހުގެ ހަވީރު ޗެލްސީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. އަދި ރޭގަނޑު މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. އަދި އެވަޓަންއިން ވަނީ ފަހަތުން އަރާ ވަޓްފޯޑުގެ މައްޗަށް 3-2 އިން ކުރި ހޯދާފައެވެ.