Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 02:02
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ރާއްޖެއެމްވީ
ކޮރޯނާވައިރަސް
އައިސޮލޭޓްކުރި ތިން މީހުންގެ ފަރާތުން އެކަމުގެ އަލާމާތެއް މިހާރު ނުފެނޭ: މިނިސްޓަރު އަމީން
ތިން މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން
ލޭގެ ސާމްޕަލް އިންޑިއާގެ ޕޫނޭގައި ހުންނަ ލެބަކަށް ފޮނުވައިފައި
އާދިއްތަ ދުވަހު ޓެސްޓުގެ ނަތީޖާ ލިބޭނެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން ރާއްޖެއިން މިހާތަނަށް އެކަހެރި ކުރި އެއްވެސް މީހެއްގެ ފަރާތުން އެ ވައިރަހުގެ އަލަމަތެއް މިހާރު ނުފެންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ޗައިނާއަށް ދަތުރުކުރުމަށްފަހު މާލެ އައިސް ބަލީގެ އަލާމާތްތައް ފެނުނު 20 އަހަރުގެ ޒުވާނާގެ ގައިން ވެސް އެއަލާމާތްތައް މިހާރު ނުފެންނަކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށާއި އެންމެ ފަހުން ސަސްޕެކްޓް ކުރެވުނު ދެމީހުންގެ ފަރާތުން ވެސް އަލާމާތް ފެންނަން ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެ އައި ތިން ދިވެއްސަކު ކޮރޯނާއަށް ހުރިތޯ ޔަގީން ކުރުމަށް ކ. ފުނަދޫގައި މިހާރު ވަނީ އައިސޮލޭޓް ނުވަތަ އެކަހެރި ކޮށްފައެވެ. މިނިސްޓަރު އަމީން ވިދާޅުވީ މިހާރު އެތިން މީހުން ޓެސްޓްތައް ހެދުމަށްޓަކައި ލޭގެ ސާމްޕަލް އިންޑިއާގެ ޕޫނޭގައި ހުންނަ ލެބަކަށް ފޮނުވައިފައިވާ ކަމަށާއި، އާދިއްތަ ދުވަހުގެ ވަގުތެއްގައި ނަތީޖާ ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Advertisement

މީގެއިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސްއަށް ސްކްރީން ކުރެވިފައިވާކަމަށެވެ. އަދި މީގެ ކުރިން 400 މީހުން ސްކްރީންކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާވައިރަސްއަށް ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ތަފްސީލްކޮށްދެއްވާ މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ކޮރޯނާވައިރަހަށް ހޭލުންތެރިކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މައުލޫމާތު ދިނުމުގެ ޝެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މައުލޫމަތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނީ، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުންނާއި މިނިސްޓްރީގެ އޮފިޝަލުން ރަށްރަށަށް ފޮނުވައިގެން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހަރަކާތާ ގުޅޭ އިތުުރު މައުލޫމާތު އާދިއްތަ ދުވަހުގެ ވަގުތެއްގައި ހާމަކުރައްވާނެ ކަމަށެވެ.

މިނޫސްވެރިންގެ ބަައްދަލުވުމުގައި ޑރ. އިބްރާހިމް ފައިސަލް ވިދާޅުވީ އަރިދަފުސް ރޯގާ ދަރިވަރަކަށް ޖެހިފައިވާނަމަ، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެ ދަރިވަރަކު ސްކޫލަށް ނުފޮނުވުމަށް އިލްތިމާސްކުރާ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި އަދި ސްކޫލްތައް ބަންދުކުރާ ޙާލަތައް ނުދާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް