ރާއްޖޭގައި ބާއްވާ ހަތަރު ގައުމު ވާދަކުރާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ މައްޗަށް ތުރުކަމިނިސްތާން ކުރިހޯދައިފި އެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މި މެޗު ނޭޕާލާ ވާދަކޮށް ތުރުކަމިނިސްތާނުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓްތައް ތުރުކަމިނިސްތާނުން ގެންދިޔައީ 20-25، 18-25 އަދި 22-25 އިންނެވެ.
މެޗުގައި ތުރުކަމިނިސްތާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ދެ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ. އެހެންނަމަވެސް ތިންވަނަ ސެޓް ތުރުކަމިނިސްތާނުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކިރިގިސްތާން އަތުން ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެހެންނަމަވެސް އެ މެޗުގައި ރާއްޖޭ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ނޭޕާލްގެ ކޯޗު ބުނީ ނޭޕާލް ޓީމު އަންނަނީ މަޑުމަޑު ކުރިހޯދަމުން ކަމަށާއި، ތުރުކަމިނިސްތާން ފަދަ ޓީމަކާ ދެކޮޅަށް ކުޅެ ބަލިވިޔަސް ޓީމު ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ބުނީ ކުރިޔަށް ހުރި މެޗުތަކުގައި އިތުރަށް ރަނގަޅު ކުރަން މަސައްކަތްކުރާނެ ކަމަށެވެ.
ކޯޗު ބުނީ ނޭޕާލް ޓީމަކީ ބައިނަލްއަގުވާމީ ތަޖުރިބާ މަދު ޓީމެއް ކަމަށާއި، އެޓީމު މިވީ ދެ އަހަރެއް ތެރޭގައި ކުޅެފައިވަނީ އެންމެ ދެ މުބާރާތް ކަމަށެވެ. އޭނާ ބުނީ ރާއްޖެއާ ދެކޮޅަށް ހުކުރު ދުވަހު ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
މުބާރާތުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ނޭޕާލް އަދި ދިވެހި ރާއްޖެ އެވެ. މި މެޗުގެ ކުޅުންވެސް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މެޗު ފަށާނީ 1600 ޖަހާއިރެވެ.