ކ. މާލެ
|
24 މާރޗް 2017 | ހުކުރު 00:06
ހޭންޑްބޯލް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ހޭންޑްބޯލް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ހޭންޑްބޯލް މޯލްޑިވްސް
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
މިއަހަރު ބައިނަލް އަގްވާމީ މުބާރާތެއްގައި ބައިވެރި ނުވާނެ
ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރުގެ ބަޖެޓަކީ 1.9 މިލިއަން ރުފިޔާ

އަތޮޅު ތެރޭގައި ހޭންޑްބޯޅަ މިހާރަށް ވުރެން ބޮޑަށް ކުރިއެރުވުމުގެ އަޒުމުގައި ގައުމީ ފެންވަރުގެ މުބާރާތެއް ބޭއްވުމަށް ހަމަޖައްސައި އެ އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި އެވެ.

ހެންވޭރު ދަނޑު ބޯޅަ ގޭގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ހޭންޑްބޯލް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 1.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ އެހެން އަހަރުތަކުގެ ބަޖެޓާ ހިލާފަށް އެ އެސޯސިއޭޝަނުން ފާސްކުރި ބޮޑު ބަޖެޓެކެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ފާސްކުރެވިގެން ދިޔައީ ބޮޑު ބަޖެޓެއް ކަމަށެވެ.

"އާންމު އުސޫލެއްގެ މަތިން ބޭއްވިގެން މިދިޔައީ އަހަރީ އާންމު ޖަލްސާ، ދެން މިއަހަރު މި ފާސްކުރެވުނީ ބޮޑު ބަޖެޓެއް، ކުޑަ އެސޯސިއޭޝަނަކަށް 1.9 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް، އެކަމަކު މިއަހަރު އެކްޓިވިޓީސްތައް ގިނަވާނެ." ޖައުޝަން ވިދާޅުވި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް

ޖައުޝަން ވިދާޅުވީ މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެވިފައި ވާނީ އަތޮޅު ތެރޭގައި މި ކުޅިވަރު އިތުރަށް ފުޅާކުރުމަށް ގައުމީ ފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ނުވަތަ ކޮންމެވެސް އެއް ސަރަހައްދެއްގައި މި މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖައުޝަން ވިދާޅުވި އެވެ.

ޖައުޝަން ވިދާޅުވީ ބަޖެޓް ކިތަންމެ ބޮޑުކޮށް ފާސްކުރެވިގެންދިޔަ ނަމަވެސް އަދިވެސް ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތުން މާލީ ދަތިކަމުގެ އިތުރުން މި ކުޅިވަރު ކުޅޭނެ ތަނެއް ލިބިފައި ނެތުމާއި ތަފާތު އެކިއެކި ވަސީލަތްތައް ލިބިފައި ނެތުމުގެ ދަތިކަން ވެސް އިންތިހާއަށް އެބަހުރި ކަމަށެވެ.

"އެނގިލައްވާނެ ހޭންޑްބޯޅަ އެއް އަހަރުން އަނެއް އަހަރަށް ކުރިއަރަމުން އަންނަ ވަރު، އެހެން ނަމަވެސް އަދިވެސް ބަޖެޓްގެ ދަތިކަން އެބަހުރި އިންތިހާ އަށް، ހަމައެއާއެކު މި ކުޅިވަރު ކުޅޭނެ ތަނެއް ލިބިފައި ނެތުން އަދި އެހެނިހެން ވަސީލަތްތައް ނެތުން މިއީ ކަންބޮޑުވާ ކަންތައްތައް." ޖައުޝަން ވިދާޅުވި އެވެ.

ޖައުޝަން ވިދާޅުވީ އަތޮޅު ތެރެއަށް އަމާޒު ކުރެވިގެން ބާއްވާ މުބާރާތުގެ އިތުރުން މިއަހަރު ވެސް ގިނަ ކޯސްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކޯޗިން ކޯހާއި ރެފްރީން ތަމްރީނުކުރުމުގެ ކޯސްތައް މާލެއާއި އަތޮޅު ތެރޭގައި ބޭއްވިގެންދާނެ ކަމަށެވެ.

މިއަހަރު ރާއްޖޭގައި ހޭންޑްބޯލް މޯލްޑިވްސް އިން ގިނަ ހަރަކާތްތަކެއް ބާއްވަން ކަލަންޑަރު ކުރެވިފައިވާ އިރު އެއްވެސް އިންޓަނޭޝަނަލް މުބާރާތެއްގައި ބައިވެރި ނުވުމަށް ވަނީ ނިންމާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޖައުޝަން ވިދާޅުވީ މިއަހަރަކީ ރާއްޖޭގައި ހޭންޑްބޯޅަ ފުޅާ ދާއިރާއެއްގައި ކުރިއަރުވަން ނިންމާފައިވާ އަހަރެއް ކަމަށާއި އެގޮތުން އެއްވެސް އިންޓަނޭޝަނަލް މުބާރާތެއްގައި ހޭންޑްބޯލް ގައުމީ ޓީމުތައް ބައިވެރި ނުކުރަން ނިންމާފައިވާ ކަމަށެވެ.

- ކޮމެންޓް