ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 13:10
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ކޮރޯނާ ވައިރަސް
އިޤްތިސާދީގޮތުން އަންނާނެ ގޮންޖެހުންތަކަށް ކުރިމަތިލާނީ ސަރުކާރާ ޕްރައިވެޓް ސެކްޓަރާއި ގުޅިގެން: މިނިސްޓަރ
އެކަމާ ގުޅޭ ދިރާސާތައް މިހާރު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ކުރަމުންދޭ
ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ގުޅައި ބަލަންޖެހޭ ކަންކަން ގާތުން ބަލަމުންދޭ
2،083 ބުކިން ކެންސަލް ކޮށްފައިވާއިރު، އޭގެ ތެރެއިން 1،466 ޓޫރިސްޓުންނަކީ ޗައިނާ މީހުން

މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ގިނަ ބުކިންގ ތަކެއް ކެންސަލްކޮށްފައިވާއިރު، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލާނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެންކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން މިހާތަނަށް 2،000 އަށްވުރެ ގިނަ ބުކިންގ ކެންސަލް ވެފައިވާ ކަމަށާއި، އޭގެ ސަބަބުން ކުރާނެ އަސަރުތައް ދެނެގަތުމާއި ގުޅޭ ދިރާސާތައް މިހާރު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމަކީ އިޤްތިސާދުގެ މައި ނާރުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އިޤްތިސާދީ ގޮތުން އަންނާނެ ގޮންޖެހުންތަކަށް ކުރިމަތިލާނީ ސަރުކާރާއި މުޅި ޕްރައިވެޓް ސެކްޓަރވެސް ގުޅިގެން ކަމަށާއި، އެކަމުން އަރައިގަތުމަށްޓަކައި އިޤްތިސާދީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި، ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމުގައި ސަރުކާރުން އިކޮނޮމިކް ކައުންސިލަށް ޕޭޕަރެއް ހުށައަޅައިގެން ކެބިނެޓް ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމަވާނެ ކަމަށެވެ.

އިޤްތިސާދީ ގޮތުން މިކަމަށް އަންނާނެ ގޮންޖެހުންތައް އަޅުގަނޑުމެން މި ޓޭކް ކުރާނީ ސަރުކާރާ ޕްރައިވެޓް ސެކްޓަރާއި ގުޅިގެން، އެހެންވީމާ ސަރުކާރުގެ ނިންމުންތައް މިދަނީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާއި މަޝްވަރާ ކުރުމަށްފަހު، ރާއްޖޭގެ އިޤްތިސާދުގެ މައި ނާރަކީ މިހާރު ފަތުރުވެރިކަން، އެހެންވީމާ ފުރަތަމަ އަޅުގަނޑުމެން ބަލާނީ ޕްރޮޓެކްޝަނަށް، އެއަށްފަހު މިކަމުން އަރައިގަތުމަށްޓަކައި އިޤްތިސާދީ ގޮތުން އަދި ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމުގައި އަޅުގަނޑުމެން ސަރުކާރުން އިކޮނޮމިކް ކައުންސިލަށް ޕޭޕަރެއް ހުށައަޅައިގެން ކެބިނެޓް ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމާނަން،
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

އޭގެއިތުރުން، ރިސޯޓުތަކަށްވެސް ސަރކިއުލަރ ފޮނުވުމުގެ އިތުރުން، ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ގުޅައި ބަލަންޖެހޭ ކަންކަން ގާތުން ބަލަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރިސޯޓުތަކުގައިވެސް އެކަށީގެންވާ ސިއްޙީ ޚިދުމަތް ދިނުމުގެ ޤާބިލުކަން އޮތްކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، މިނިސްޓްރީން ސެކިއުރިޓީ އޮޑިޓްތައް ހަދާފައިވާނެ ކަމަށާއި، އެކަމުގެ މައުލޫމާތު ރިސޯޓުތަކަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ ފުޑް ސްޓޮކާއި ސިއްހީ ފާމަސިއުޓިކަލްސްގެ ކަންކަން ބަލަހައްޓަމުން ގެންދާއިރު، ފިނޭންސް މިނިސްޓްރީންވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މިހާރު ފެތުރެމުންދާ ވައިރަހާ ގުޅިގެން މި ފަހުން 2،083 ބުކިން ކެންސަލް ކޮށްފައިވާއިރު، އޭގެ ތެރެއިން 1،466 ޓޫރިސްޓުންނަކީ ޗައިނާ މީހުންނެވެ. އަދި އެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ޗައިނާއިން ރާއްޖެ އަންނަ ފްލައިޓްތަކަކީ، ރާއްޖޭގައި ތިބި އެ ޤައުމުގެ ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކެއް ކަމަށާއި، އެ ފްލައިޓްތަކުގައި އެއްވެސް މީހަކު ރާއްޖެ ނާންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން އާންމުކޮށް ދަތުރުކުރާ ޤައުމުތަކުންވެސް މިހާރު ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވާކަން ކަށަވަރުވެފައިވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އަސަރު ކުރާނެކަމަށް މިވަނީ ބެލެވިފައެވެ.

- ކޮމެންޓް