އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ސުޕަރމާކެޓުން ތަރުކާރީ އާއި މޭވާ ވިއްކާނީ ޢާންމު ވިޔަފާރިވެރިން ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯ ސުޕަރމާކެޓް ފިޔަވައި އެކުންފުނިން ކުދި ވިޔަފާރި އެއް ނުކުރާކަމަށެވެ. އެހެންކަމުން އެވިޔަފާރީގައި ކުދި ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް އެކަން ކަން ކުރުމަށް މިހާރު ވިސްނާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ. އެގޮތުން ސުޕަރމާކެޓުން ޝެލްފް ދޫކުރަން ނިންމާފައިވާކަމަށް އަމްރު ވިދާޅުވި އެވެ.
މީގެއިތުރުން އަމްރު ވިދާޅުވީ އަންނަ ހަފުތާތެރޭގައި އެތަނުގައި ހުރި ފްރީޒަރުތައް ކުއްޔަށް ދޫކުރަން އިޢުލާނުކުރާނެ ކަމަށެވެ.
އޭރަށް ކުދި ވިޔަފާރިތަކުން ކުކުޅު އެއްޗިސް ގެނެސް ނޫނީ ފްރޯޒަން އެހެން އެއްޗިސް ގެނެސް ވިއްކާ ބޭފުޅުންނަށް ގެނެސް އެތަނުގައި ބަހައްޓައިގެން އެބޭފުޅުންނަށް ވިއްކޭނެ. ހަމައެކަނި ދޭނީ ތަނާއި ކަރަންޓާއި ދެން ކޭޝިޔަރުން. މަގްސަދަކީ ދެ އައިޓަމެއް ނުވަތަ ތިން އައިޓަމެއް ރާއްޖެ އިމްޕޯޓުކުރާ ކުޑަކުޑަ ވިޔަފާރިއެއް އެވިޔަފާރިއަކުންވެސް ނުޖެހޭނެ އެ ވިއްކާކަށް ފިހާރައެއް ހަދާކަށް. އަދި ފިހާރައެއް ހަދަންޏާ ހަމައެކަނި ދެ އައިޓަމް ތިން އައިޓަމް ހަދައިގެން ނުވެސް ވިއްކޭނެ. ދެން އަނެއްކާ އޭނަ އެބަޖެހޭ އެހެން ތަންތަނުން އައިޓަމް ގެނެސްގެން މިކަން ކުރަން. އެހެންވީމާ ކުދި ވިޔަފާރިތަކަށް ވިޔަފާރިއަށް ވަނުމަށްވެސް އެބަވޭ އެކަން ހުރަހަކަށް. އެހެންވީމާ ބޭނުންވަނީ އެހުރިހާ ކަމަކުން ވިޔަފާރިތައް ސަލާމަތްކޮށްދޭން.އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އެހެންކަމުން ހަމައެކަނި އެވިޔަފާރިއަކުން ކުރަންޖެހޭނެ ކަމަކީ މާރކެޓް ކުރުމުގެ މަސައްކަތް އެކަނިކަމަށް އަމްރު ވިދާޅުވި އެވެ. ބޭނުންވަނީ ސުޕަރމާކެޓްގެ ބޮޑުބައެއް އެގޮތަށް ދޫކޮށްލަން ކަމަށް އަމްރު ވިދާޅުވި އެވެ.