Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 14:21
ކުޑަކުދިންނަށްކުރާ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއވުމެއްގެ ތެރެއިން
ކުޑަކުދިންނަށްކުރާ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޖެންޑާ މިނިސްޓްރީ
ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ދަފްތަރު މަޖިލީހަށް ހުށަހަޅައިފި
ދަފްތަރު ކަނޑައެޅިފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާނެ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުވާލި ދަފްތަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ ދަފްތަރެއް އެކުލަވާލާފައިވަނީ ދާދި ފަހުން ގއ. ކަނޑުހުޅުދޫގައި 2 އަހަރުގެ ކުޑަކުއްޖެއް ރޭޕްކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީއާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ކަނޑުހުޅުދޫ ކައުންސިލާއި ކްރިމިނަލް ކޯޓު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް މި މަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށް ކޮމިޓީން ނިންމި ކަންކަން ތަންފީޒުކުރުމަށް އަދި އެ ކޮމިޓީން ނިންމި ކަންތައްތައް ތަންފީޒު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓަރަށް ވަނީ އަންގަވައިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަތުމަށް ޓަކައި ދަފްތަރެއް އެކުލަވާލާ އަދި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލާ، ކަނޑައެޅިފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށް ކޮމިޓީން މަޢުލޫމާތު ސާފުކުރުމަށްފަހު ވަނީ ހަތް ކަމެއް ކުރުމަށް ޖެންޑަރ މިނިސްޓްރީއަށް އަންގާފައެވެ.

Advertisement

އެގޮތުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ހިއްސާކޮށް، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަނެ މިފަދަ އާއިލާތައް ދަފްތަރުކޮށް މިފަދަ އާއިލާތައް ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލުން ހިމެނެއެވެ. އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި މި މައުލޫމާތު ހިމަނަން ޖެހެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމަޢަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖަޢާކޮށް، މިފަދަ މީހުން މޮނިޓަރކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުޢީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކޮށް، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި، ކުޑަކުދިންގެ މައްސަލަތައް ތަހުޤީޤުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުގެ ޕަރފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދާ އެރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާ ހިއްސާކުރަން ޖެހެއެވެ. އަދި 2009 ވަނަ އަހަރު ގާއިމުކޮށްފައިވާ މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެށުމާއި، ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ލަސްވާ ސަބަބު ހޯދާ އެކަންކަން އަވަސްކުރުމަކީ ވެސް ކޮމިޓީން ނިންމާފައިވާ ނިންމުމެކެވެ.

ދެ އަހަރުނުވާ ކުޑަކުއްޖަކަށް އެކުއްޖާގެ ޢާއިލާގެ މެންބަރުންތަކެއް ޖިންސީ އަނިޔާ ދިން މައްސަލަ ފެންމަތިވުމާއި ގުޅިގެން މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ތިން ބައްދަލުވުމެއް ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް