Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 08:42
ޕާކިންގ ޒޯނެއް
ޕާކިންގ ޒޯނެއް
މުހައްމަދު ޝަރުހާން
ޕާކު ކުރުމުގެ މައްސަލަ
ފީ ދައްކައިގެން ވެހިކަލް ޕާކުކުރެވޭ ވާހަކަތައް ދައްކަމުންދަނީ އޮޅުވާލައިގެން: ޝަމާއު
ބައެއް ނޫސްތަކުގައި މައުލޫމާތު އޮޅޭ ގޮތަށް ރިޕޯޓުކޮށްފައިވޭ
މަގުސަދަކީ ފީ ދީގެން އުޅަނދު ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުން
އުޅަނދު އެތެރެކުރުން ހުއްޓުވަން ޖެހޭ

ފީ ދައްކައިގެން ވެހިކަލް ޕާކުކުރެވޭ ވާހަކަތައް މީހުން ދައްކަމުންދަނީ އޮޅުވާލައިގެން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގައި ޝަމާއު ވިދާޅުވީ ފީއެއް ނަގައިގެން ވެހިކަލް ޕާކުކުރާ މައުލޫމާތު އާންމުގެ ތެރެއަށް ގޮސްފައިވަނީ ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށާއި، ބައެއް ނޫސްތަކުގައި މައުލޫމާތު އޮޅޭ ގޮތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

ޝަމާއު ވިދާޅުވީ ފީ ދީގެން އުޅަނދު ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް ވަކި ޕާކިން ޒޯންތަކެއް ހަދާފައިވާ ކަމަށާއި، އެފަދަ ޕާކިން ޒޯންތައް ކުރިއަށް އޮތްތާގައި ހަދާނެ ކަމަށެވެ. އަދި އެއީ މާލޭގައި ފީ ދައްކައިގެން ނޫނީ ޕާކުނުކުރެވޭ ގޮތް ހެދުން ނޫން ކަމަށް ޝަމާއު ވިދާޅުވިއެވެ.

ހަގީގަތުގައި އޭގައި އަޅުގަނޑުމެން ނިންމާފައި އޮތީ ޕެއިޑް ޕާކިންތަކެއް މާލޭގައި ހެދުން. އެއީ އަގުދީގެން ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ގޮތެއް ހޯދަދިނުން. އޭރުން އެފަރާތްތަކުގެ އުޅަނދުތައް ގޮސް އަގުދީގެން އެކަން ކުރާނީ. މިހާރު ވެސް އަޅުގަނޑުމެން އޭގެ އެއްޕާކިން ޒޯން ހުޅުވައިގެން ތީމުގެ ކުރިމަތީގަ އެއޮތް ސްލޮޓަކީ ހަމަ ޕެއިޑް ޕާކިން. އެވާހަކައެއީ. މުޅި މާލެއަށް އަގެއް ކަނޑައަޅާ ވާހަކައެއް ނޫން އެއީ.
ޑެޕިއުޓީ މޭޔަރ ޝަމާއު

މާލޭގެ ޕާކިންއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ޝަމާއު ވިދާޅުވީ މާލޭގެ ޕާކިންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަރުދާހެއް އެއެކުލަވާލާފައިވާ ކަމަށެވެ. އަދި ލިބިފައިވާ މައުލޫމާތަށް ބަލާއިރު މާލޭގައި ކެޕޭސިޓީއަށްވުރެ ވެހިކަލް ގިނަ ކަމަށާއި، ޕާކިންއާ ޓްރެފިކްގެ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ މާލޭގެ ވެހިކަލް އެތެރެކުރުން ހުއްޓުވުން ކަމަށް ޝަމާއު ވިދާޅުވިއެވެ.

އެއީ މާލޭގެ ބިމެއް ބޮޑުނުވާނެތީ، މާލެއަށް ވެހިކަލް ގެންގުޅެވޭނެ ވަކި އަދަދަކީ ކޮބައިކަން ކަނޑައަޅަން ޖެހޭ ކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ ޕާކިން ސަރަހައްދުތަކާއި، ޒޯންނާއި، ބިލްޑިންގް ވެސް އެޅިދާނެ ކަމަށެވެ. ނަމަވެސް ވެހިކަލް ގެނައުމަށް ވަކި އަދަދެއް ކަނޑަނާޅާނަމަ ހައްލު ނުވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އެހެން ނަމަވެސް އައަށް ދާއިމީ ހައްލެއް ނުލިބޭނެ. އެހެންވީމަ ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޓީ ކައުންސިލުން އޮންނާނެ ނިންމުމެއް ނިންމާފަ ޓްރާންސްޕޯޓު މިނިސްޓްރީއަށް ފޮނުވާފަ މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދުތައް ކަނޑައަޅާ ދެއްވުމަށް. އެކަންކަން ތަންފީޒު ކުރެވިގެންދިޔާމަ އިރާދަކުއްރެއްވިއްޔާ ޕާކިންއަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ.
ޑެޕިއުޓީ މޭޔަރ ޝަމާއު

ޝަމާއު ވިދާޅުވީ ސްޓްރީޓް ސްކޭޕް ޕޮރެޖެކްޓްގެ ތެރެއިން މާލޭގައި ޕާކުކުރާނެ 21 ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަމާއު ވިދާޅުވީ ރައްޔިތުންނަށް އިތުބާރު ކުރެވޭފަދަ ފެންވަރުގެ ޕަބްލިކް ޓްރާންސްޕޯޓެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ބާރް ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. ޝަމާއު ވިދާޅުވީ މިމަޝްރޫއު މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތެއްކަން ޝަމާއު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް