ފެބްރުއަރީ މަހުގެ ތެރޭގައި ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ ފާއިތުވި ތިން މަސްދުވަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަހަރު ތެރޭގައި އެސްޓީއޯއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ މިއަހަރު ތެރޭގައި ތެޔޮ ރާއްޖެއަށް އެތެރެކުރުމާއެކު އެހެން ޤައުމުތަކަށް ތެޔޮ ވިއްކަން ވިސްނާކަމުގަ އެވެ. މީގެއިތުރުން އަމްރު ވިދާޅުވީ މިއަހަރު ތެރޭގައި މިހާރު އޮތް ތެޔޮ ޓޭންކަރަށްވުރެ ބޮޑު ޓޭންކަރެއް ގެންނާނެ ކަމަށެވެ.
ބޭނުމަކީ ރައްޔިތުންނަށް ޚާއްސަކޮށް ހަކަތަ އުފައްދަން ބޭނުންވާ ތެޔޮ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ލުއިފަސޭހަވާނެ ގޮތަކަށް އެކަންކަން ކުރުން. އެގޮތުން މިކަހަލަ އިންވެސްޓްމަންޓް ކުރަމުންމިދަނީ. ތެޔޮ އިތުރުކުރުމުގެ އިތުރުން ތެޔޮ ޑިސްޓްރިބިޔުޓް ކުރަމުން މިދަނީ. އެންމެ ފަސޭހަގޮތަކަށް އެންމެ ލުއި ގޮތަކަށް އެކަންކަން ފޯރުކޮށްދިނުމަށްޓަކައި ހަތަރު ތެޔޮ ބާޖެއް ބަންނަމުންމިދަނީ. މިއަންނަ އަހަރު ތެރޭގައި އެ ތެޔޮ ބާޖުތައް ލިބޭނެ.އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އަމްރު ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެން ދިޔަނަމަވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގައި ތެލުގެ އަގު ބޮޑުނުކޮށް ރައްޔިތުންނަށް ތެޔޮ ވިއްކުމަކަށް ކަމަށެވެ. އެގޮތުން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމަށް އަމްރު ވިދާޅުވި އެވެ. އެގޮތުން 14 ޖޫންގައި ޑީސަލްގެ އަގަށް ބަދަލު ގެނެސްފައިވާއިރު 15 ޖޫންގައި ޕެޓްރޯލްގެ އަގަށް ބަދަލުގެނެސްފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ.
2019 ވަނަ އަހަރު ފެށުނުއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ 58 ޑޮލަރުގައި ކަމަށާއި އަހަރު ނިމުނުއިރު ހުރީ 78 ޑޮލަރުގައި ކަމަށް އަމްރު ވިދާޅުވި އެވެ. މިއީ 34 އިންސައްތަ ބޮޑުވުމެއް ކަމަށްވެސް އަމްރު ވިދާޅުވި އެވެ. އެހެންނަމަވެސް މިދިޔަ އަހަރު ޑީސަލް އިން 84 ލާރި ކުޑަކޮށްފައިވާއިރު ޕެޓްރޯލްގެ އަގު ވަނީ 1.26 ރުފިޔާ ކުޑަކުރެވިފައި ކަމަށް އަމްރު ވިދާޅުވި އެވެ.
މީގެއިތުރުން މިއަހަރު ފެށުނުއިރު އެމެރިކާއިން ދިން ޙަމަލާއެއްގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ އަވަހާރަކޮށްލުމާއި ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް މައްޗަށް ގޮސްފައިވާކަމަށް އަމްރު ވިދާޅުވި އެވެ. ނަމަވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ އަގުތައް ބޮޑުނުކޮށް ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމަށްކަމަށް އަމްރު ވިދާޅުވި އެވެ.