ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އައްޑު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އިތުރު ތަރމަލް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމުގެ ގޮތުން ބޭރުން ރާއްޖެއަށް އަންނަ ފަރާތްތައް ސްކްރީން ކުރުމަށް މިހާރު ވެސް ދަނީ އެއަރޕޯޓުގެ އިތުރުން ސީ ޕޯޓުތަކުގައި ވެސް ތަރމަލް ކެމެރާތައް ބޭނުންކުރަމުންނެވެ.
ހެލްތް މިނިސްޓްރީން "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެމުން ބުނީ އިތުރު ކެމެރާތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު، އިތުރު ކެމެރާ ހޯދުމަށް ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ކްރޯނާ ވައިރަސްއަށް ސްކޭން ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރމަލް ކެމެރާ ބޭނުންކުރަން ފަށާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މި މަހުގެ 22 ވަނަ ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާރމަލް ކެމެރާ ބޭނުންކުރަން ފަށާފައިވާ އިރު، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެސް ކެމެރާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ޕޯޓްސް ތަކުގައި އަދި ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓެއްގައި ތާރމަލް ކެމެރާ ބޭނުންކުރަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކެހެރިކޮށް ދެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރު ބަލަމުންދާކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮރޯނާއަށް ޝައްކުވެއްޖެ މީހަކު ފެނިއްޖެނަމަ އެއަރޕޯޓުގައި އައިސޮލޭޓް ކުރެވޭނެ ނިޒާމާއި، ދާއިމީ އައިސޮލޭޝަނަކަށް ގެންދެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދިޔަ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ގޮތްނޭނގޭ ބައްޔަކީ ކޮރޯނާ ވައިރަސް ޢާއިލާގެ އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ ބައްޔެއްކަމުގައި ވަނީ ހޯދިފައެވެ.