ދާއިމީ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސް އާއި ގުޅޭގޮތުންނާއި މިބައްޔަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރާއި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް އާއިރު ރާއްޖޭގައި އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަަމުން ރާއްޖެއަށް ހިމަބިހި އައުމާއެކުވެސް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަންޖެހުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންވީމާ ދާއިމީ އައިސޮލޭޝަން ފެސިލިޓީ އަކާ ދޭތެރޭގައި މަސައްކަތް ކުރަމުން މިދަނީ. މިކަހަލަ ކުއްލި ޙާލަތު ކުރިމަތިވީމާ ރައްޖެ އެކަންޏެއް ނޫން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ގިނަ ގޮންޖެހުމުގެ ތެރޭގައި މިއަށް ތައްޔާރުވުމުގެ މަސައްކަތް މިކުރަނީ. އެހެންވީމާ މިހިސާބަށް އާއިރުގައި ރަސްމީ އައިސޮލޭޝަން ފެސިލިޓީއެއް ފާހަގަ ކޮށްފައިނެތީމާ އެވަރުގެ ޖާގަ އެއް ހޯދަން ގޮންޖެހުމަކަށް ކުރިމަތިވީ. އެހެންނަމަވެސް ނަސީބު ރަނގަޅުކަމުން ހުޅުމާލެއިން އެފަދަ ފެސިލިޓީއެއް ޤާއިމުކުރެވުނީމާ އެތަން ހެދީ .ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ރާއްޖެއިން ކޮރޯނާވައިރަސްގެ އަސަރު ފެނިދާނެތީ އެކަމަށް ތައްޔާރު ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރަން ހުރި މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮރޯނާވައިރަސްގެ އަސަރު ފެންނަ މީހުން ކަަރަންޓީނުކޮށްގެން ފަރުވާދިނުމަށް ހުޅުމާލެ ޕްރީސްކޫލް އެކަމަށް ޚާއްޞަކޮށްފައިވާއިރު މިބަލި ފުޅާވެގެން ދާ ޙާލަތެއްގައި މާލެ ކުރިމަތިން އޮންނަ ފުނަދޫގައި އެކަމުގެ އައިސޮލޭޝަން ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.