ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 17:36
އެމްޑީޕީގެ ޕްރައިމަރީއެއްގައި ވޯޓްލުން ކުރިއަށް ދަނީ
އެމްޑީޕީގެ ޕްރައިމަރީއެއްގައި ވޯޓްލުން ކުރިއަށް ދަނީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީގެ ޕްރައިމަރީ
އެމްޑީޕީގެ ޕްރައިމަރީ: ޕްރައިމަރީއަކާ ނުލާ 389 ކެންޑިޑޭޓުންނަށް ޓިކެޓު ކަށަވަރު ވެއްޖެ
1279 ފޯމް ހުށަހެޅި
ރަށު ކައުންސިލްތަކުގެ ތެރެއިން 381 ކެންޑިޑޭޓަކަށް ޓިކެޓް ކަށަވަރުވެފައި
ހއ. އަދި ފ އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓް ކަށަވަރުވެފައި، ސިޓީ ކައުންސިލްތަކުގެ ބައެއް ދާއިރާތަށް ވެސް ޓިކެޓް ކަށަވަރުވެފައިވޭ

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި 1279 ފަރާތުގެ ތެރެއިން 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވެފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އިންތިޚާބީ ކޮމިޓީގެ މުޤާއްރިރު އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދާކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 109 ރަށުގެ ތެރެެއިން 93 ރަށުގައި ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވި 389 ކެންޑިޑޭޓުންގެ ތެރެއިން 381 ކެންޑިޑޭޓުން ކުރިމަތިލައްވަނީ ރަށު ކައުންސިލްތަކަށް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ތެރެއިން ހއ. އަތޮޅާއި، ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެއް ބޭފުޅަކު ކުރިމަތިލައްވާފައިވާތީ އެ ބޭފުޅުންނަށްވެސް ޓިކެޓު ކަށަވަރުވެފައިވާ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ ތެރެއިން ފުވައްމުލަކު ހުޅަނގު ދާއިރާއާއި މާލޭގެ މާފަންނު ހުޅަނގު ދާއިރާއާއި، މާފަންނު ހުޅަނގު އުތުރު ދާއިރާއާއި، މާފަންނު މެދު ދާއިރާ އާއި، ގަލޮޅު ހުޅަނގު ދާއިރާގެ އިތުރުން ހެންވޭރު އުތުރު ދާއިރާ އަށް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅަކު ކަމަށްވާތީ އެ ބޭފުޅުންނަށް ވެސް ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި ޅ. އޮޅުވެލިފުށްޓާއި ރ. މީދޫގެ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލުމަށް އެއްވެސް ބޭފުޅަކު ހުށަހަޅާފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއަރ ޕަރސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ޢަމާޒަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑިތަކަކަށް ވެސް އެޕާޓީގެ ކެންޑިޑޭޓުން ވާދަކުރުން ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަ ނުކުރާ ދާއިރާތަކަށް ކެންޑިޑޭޓުން ހަމަޖެއްސުމަށް ޕާޓީގެ އެތެރެއިން އަދި އެދާރާތަކުގެ އިސްވެރިންނާ ވާހަކަ ދައްކައިގެން ގޮތެއް ނިންމާނެ ކަމަށެެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކެންޑިޑޭޓުން އިންތިޚާބު ކުރަންޖެހެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ފަހު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ އަންނަ ފެބްރުއަރީ ހަތެއްގައި ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

- ކޮމެންޓް