ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓުގެ ހުށަހެޅުންތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ޢަމަލީ ގޮތުން ތަންފީޒުކުރުމަށާއި، ތަންފީޒުކުރެވޭ މިންވަރު ބެލެހެއްޓުމަށް ޚާއްޞަ ކޮމިޓީއެއް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އެކުލަވާލައްވައިފި އެވެ.
ކަރެކްޝަންސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިކޮމެޓީގެ މެންބަރުންނާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ބައްދަލުކުރައްވާ ހުށަހަޅުންތައް ތަންފީޒުކުރުމަށް ކުރަން ހުރި މަސައްކަތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އެކަން ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެދިވަޑައިގަންފައިވާކަމަށެވެ.
ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ޙަވާލުވެ ހުންނަވި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު މަޤާމުން ވަކިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެއަށްފަހު އެމަޤާމަށް ޢައްޔަނުކުރައްވާފައިވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަޙްމަދު މުޙައްމަދު ފުޅެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސްކަމަށް އަޙްމަދު މުޙައްމަދު ފުޅު ޢައްޔަނުކުރެއްވުމާއި ގުޅިގެން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރާއްޖޭގެ ޖަލުތައް އިޞްލާޙުކުރުމަށް ވެވަޑައިގަންފައިވާ ވަޢުދުފުޅާ ، ޖަލު އޮޑިޓްގެ ރިކޮމެންޑޭޝަން ތަންފީޒުކުރުމުގެ މަސައްކަތް އާ ސީޕީ އާއެކު ހަލުވިކަމާއެކު ކުރިޔަށްގެންދަވާނެ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ޓްވީޓްގައި އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ ޖަލުގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި ޢާންމުންނަށް ދެއްވާކަމަށެވެ.
އަދި ޖަލުގެ ޙާލަތު ރަނގަޅުކޮށް ކަރެކްޝަންސްގެ ކަންކަން ވަރުގަދަ ކުރައްވާ ތަނުގެ ކެޕޭސިޓީ އިތުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
ދާދި ފަހުން ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އޭރުގެ ސީޕީ މުނާޒަށާއި، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.