ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 17:11
މާރުކޭޓް
މާރުކޭޓް
އަޒުމޫން އަހުމަދު
މާލެ ސިޓީ
މާލޭގެ މާރުކޭޓް ޞަރަޙައްދު ފަދަ އެހެން ޞަރަޙައްދެއް ކުރިއަށް އޮތްތަނުގައި ތަރައްޤީ ކުރާނަން: ޝަމާއު
ސާފުތާހިރުކަން ކުޑަކަން ފާހަގަކުރެވޭ
ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނަން
މާލެ ފެހިކުރުމަށް ދަނީ މަސައްކަތް ކުރަމުން

މާލޭގެ މާރުކޭޓް ޞަރަޙައްދު ފަދަ އެހެން ޞަރަޙައްދެއް ކުރިއަށް އޮތްތަނުގައި ތަރައްޤީ ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖޭޓީވީގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ މާރުކޭޓް ޞަރަޙައްދަކީ އިޤުތިޞާދީ ޙަރަކާތްތައް ގިނަ، ގިނަ ޢަދަދެއްގެ ބަޔަކު ބޭނުންކުރަމުންދާ އެއް ޞަރަޙައްދު ކަމަށެވެ. ޝަމާއު ވިދާޅުވީ ރައްޔިތުން ވިޔަފާރިކުރުމަށް އެހެން ޞަރަޙައްދެއް ކަނޑައެޅިގެންދާނެ ކަމަށާއި، މިހާރު އެމަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މާރުކޭޓްގެ ސާފުތަހިރުކަމަށް އަލިއަޅުއްވާލައްވާ ޝަމާއު ވިދާޅުވީ އެޞަރަޙައްދުގައި ކުނިބުނި ގިނަ ކަމަށާއި، ސާފުތާހިރުކަން ކުޑަވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ޝަމާއު ވިދާޅުވީ ގިނަ ބަޔަކު އެޞަރަޙައްދުގައި ތޮއްޖެހިގެން މަސައްކަތް ކުރާއިރު، ތިބޭއިރުގަ އެތަން ސާފުކޮށް ބެލެހެއްޓުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްދުވަސްތަކުގައި ވެމްކޯއާ ގުޅިގެން ސާފުކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސް ސާފުކުރުން އިތުރުކުރާނެ ކަމަށެވެ.

މީގެ އިތުރުން ޝާމާއު ވިދާޅުވީ މާރުކޭޓް ޞަރަޙައްދުގެ ޓްރެފިކް ކުޑަކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އުޅަނދުތައް ޕާކުކުރެވޭ ގޮތަށް ޞަރަޙައްދުތައް ވެސް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މާރުކޭޓް ޞަރަޙައްދު ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މާރުކޭޓް ޞަރަޙައްދުގައި މަސައްކަތް ކުރާ މީހުން ވެސް އެގޮތަށް މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

ދެން ފަޅު ތެރެ ތަރުތީބު ކުރެވެމުންދާއިރު މިދެންނެވިހެން މުދާ އުފުލާ ބާލާ ސަރަހައްދުތައް ކަނޑައެޅިގެންދިޔާމަ އެސަރަހައްދަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ލުޔެއް ލިބިގެންދިޔާމަ ސާފުތާހިރުކަން ބަލަހައްޓަން ފަސޭހަވެގެން ވެސް ދާނެ ކަމަށް އުންމީދުކުރެވެނީ.

މާލެ ސިޓީ ފެހިކުރުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވާ ޝަމާއު ވިދާޅުވީ މާލެ މަޝްހޫރުވެފައި ވަނީ ގަހެއް ނެތް ކޮންކްރީޓް ޖަންގައްޔެއް ގޮތަށް ކަމަށެވެ. ނަމަވެސް މަސައްކަތް މިކުރަމުން ދަނީ އެތަޞައްވުރު ބަދަލުކޮށް މާލޭގައި ވީހާ ވެސް ގިނަ ގަސްތައް އިންދައި، ފެހި ތަނަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާއު ވިދާޅުވީ ގަސްތައް އިންދުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

އެހާ ކާމިޔާބު ކަމާއެކު އެކަން ކުރިއަށް ނުގެންދެވޭ. އޭގައި ވެސް އެބަހުރި ގޮންޖެހުންތައް. ގަހެއް އިންދިއަކަށް އަދި އަމިއްލަކަށް ބޮޑެއް ނުވާނެ. ފެން ދޭން ވެސް ޖެހޭނެ. އެއަށް ބޭނުންވާ ފެން ދެވޭނެ ގޮތެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން ކުރި މަސައްކަތުން ހިލޭ އެހީގައި ފެން ދޭނެ ބައުޒަރެއް އެބަ އާދޭ. އައުމުގެ މަގުމަތީގައި. ކުރިއަށް އޮތްތާގައި ގަސް އިންދުން ގިނަ ކުރާނަން.

ޝަމާއު ވިދާޅުވީ މާލޭގައި ގަސްއިންދުމަށް ހުސްބިން ނެތް ނަމަވެސް ބިމެއް ލިބިއްޖެނަމަ، އެބިމެއްގައި ގަސްއިންދާ އެޞަރަޙައްދަކީ ޢާންމުން ގޮސް މަޑުކޮށްލަން ހިތްފަސޭހަތަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މުސްތަޤުބަލުގައި މާލެއަކީ ވެސް ހިތް ފަސޭހަ ގަސްގިނަ ބިންތައް ހުރި ރަށަކަށް ބަދަލުވެގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

- ކޮމެންޓް