ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެމްޑީޕީން ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގައި، ވޯޓު ކަރުދާހުގައި ވޯޓު ދޭންޖެހޭ ޢަދަދަށް ވޯޓު ލުމަށާއި، އެ ޢަދަދަށްވުރެ މަދުން އަދި ގިނަ ވެއްޖެނަމަ އެ ވޯޓެއް ބާޠިލުވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމެޓީން ހޯމަ ދުވަހު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރ ޕަރސަންގެ ނައިބު ޢަލީ ނިޔާޒު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ކަރުދާސް ހުންނާނީ އޭފޯ ސައިޒުގަ ކަމަށާއި، އެވޯޓު ކަރުދާހުގައި ސީޓީ ކައުންސިލެއް ނަމަ މޭޔަރުގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުންގެ ވޯޓާއި، އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ކައުންސިލް ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ވޯޓާއި، ކައުންސިލް މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ވޯޓު ހިމެނޭނެ ކަމަށެވެ.
ނިޔާޒު ވިދާޅުވީ ވޯޓު ބާޠިލުވާނީ، އެ ވޯޓަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނައިން ނުވަތަ މަދުން ވޯޓު ދެއްވައިފިނަމަ ކަމަށެވެ. އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ވޯޓު ދިނުމަށް ނިޔާޒު އެދިލެއްވި އެވެ.
ނިޔާޒު ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގަ، އެއީ ވޯޓު ދިން މީހާގެ މަޤުޞަދުކަން ކަށަވަރުވާނަމަ ޤަބޫލު ކުރާނެ ކަމަށެވެ.
އެމްޑީޕީގެ އިންތިޚާބީ ކޮމެޓީގެ ނައިބު މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ވިދާޅުވީ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރުމަށް ޖުމުލަ 1،279 ފަރާތަކުން ކުރިމަތި ލާފައިވާ ކަމަށެވެ. އަދި އޭގެ ތެެރެއިން 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ ޕްރައިމަރީގެ ކަންކަން ހިންގައި މޮނިޓަރ ކުރުމަށް 11 މެންބަރުންގެ އިންތިޚާބީ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެގޮތުން އެކޮމެޓީގެ ޗެއަރ އަކީ އިންތިޚާބީ ކޮމެޓީގެ ނައިބު މުޤައްރިރު އިބްރާހީމް މުޢިއްޒު ކަމަށާއި، ދެން ހުރިހާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަށް ހިމެނޭގޮތަށް 10 ބޭފުޅުންނަށް ބަހާލާފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ބޭފުޅަކީ، އެބޭފުޅަކު ޙަވާލުވެފައިވާ ދާއިރާތަކުގެ އެންމެ އިސް ފަރާތް ކަމަށާއި އަދި އެ ބޭފުޅުންގެ ދަށުން ކޮންމެ ވޯޓު ފޮށްޓެއްގެ ކައިރީ އޮފިޝަލުން ތިބޭނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.