ޔާމީންގެ ދައުރުގައި ޖަލަށް ލެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރި އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ ކުރި ހުކުމް، ހައިކޯޓުން ބާތިލްކޮށްފިއެވެ.
ހޯމަ ދުވަހު ހައިކޯޓުން ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް، ފޯނު ނުދިން ކަމަށް ބުނާ މައްސަލައިގައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ހުކުމް ބާތިލް ކުރުމާއެކު މިނިވަންވެވަޑައިގަތީއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިތާ ދުވަސްތަކެއް ވެފައިވާއިރު، ހައިކޯޓުން އެ މައްސަލަ ނިންމައި ހޯމަދުވަހު ކުރި ހުކުމްގައި ކަނޑައެޅީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށެވެ.
ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއަކާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއެކު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ޔާމީނުގެ ދައުރުގައި ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ.
ފެބްރުއަރީ 1 ގައި ނެރުނު ހުކުމާއި ގުޅިގެން ޔާމީންގެ ދައުރުގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވާގޮތް، އެބޭފުޅާގެ ގާނޫނީ ވަކީލުން އެއިރު ސިފަކުރައްވާފައިވަނީ، ފެބްރުއަރީ 6 ވަނަ ދުވަހުގެ މެންދަމު ރަޔަޓު ގިޔަރު އަޅައިގެން ތިބި ދިވެހި ސިފައިންނާއި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ސުޕްރީމް ކޯޓަށް ވަދެގަނެ، ބަންދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ އިމުގެ ތެރެއިން ދައުލަތުގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާއި ކަނޑައެޅިގެން ހިލާފުވާ ގޮތަށް ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ.