Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 17:09
އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާވޫދު
އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާވޫދު
ޕީޕަލް މެގަޒިން
މެންބަރުންނަށް ރަށްތައް
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި
އެކުއިޒިޝަން ކޯސްޓަކީ ގާތްގަނޑަކަށް 15.8 މިލިއަން ރުފިޔާ
އެކުއިޒިޝަން ކޯސްޓަށްވާ ފައިސާ ސަރުކާރަށް ނުދައްކާ
މި މަހުގެ 29 ގެ ކުރިން ފައިސާ ދައްކަންޖެހޭ

ހުޅުވާލެވިފައިވާ ބިޑަކާ ނުލައި، ހދ. މަކުނުދޫއާ އެއް ފަޅެއްގައި އޮންނަ ދިއްޕަރުފުށި އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާވޫދަށް ދީފި އެވެ.

 

ދިއްޕަރުފުއްޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ޓޫރިޒަމް މިނިސްޓްރީއިން ވިއްކާލުމަށް އިއުލާނުކުރި ރަށެކެވެ. ޓޫރިޒަމް މިނިސްޓްރީ އިން އިއުލާނުކޮށްފައިވާ ގޮތުގައި 8.20 ހެކްޓަރުގެ ދިއްޕަރުފުށީގެ އެކުއިޒިޝަން ކޯސްޓަކީ 1،025،000 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ އެއީ ގާތްގަނޑަކަށް 15.8 މިލިއަން ރުފިޔާ އެވެ.

 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖައުފަރު ދާވޫދަށް ދިއްޕަރުފުށި ދީފައިވާއިރު، އަދި މިހާތަނަށް އެކުއިޒިޝަން ކޯސްޓަށްވާ ފައިސާ ސަރުކާރަށް ނުދައްކަ އެވެ. އެ ފައިސާ ދެއްކުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ ޖައުފަރު ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ޖެނުއަރީ މަހުގެ ތެރޭގައި ސިޓީތަކެއް ފޮނުއްވާފަ އެވެ.

 

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެކުއިޒިޝަން ކޯސްޓް ދެއްކުމަށް ޖައުފަރަށް ދީފައިވާ މުއްދަތު އިތުރު ކޮށްދީފަ އެވެ.

ހދ. ދިއްޕަރުފުށި

ޓޫރިޒަމް މިނިސްޓްރީގެ ޑިޕުއިޓީ މިނިސްޓަރު ހުސެއިން ލިރާރު ސޮއިކޮށް ޖައުފަރަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި މާޗް މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެކުއިޒިޝަން ކޯސްޓަށްވާ ފައިސާ ދައްކަންޖެހޭނެ އެވެ. އަދި އެއީ ފައިސާ ދައްކަން ދޭ ފަހުގެ މުހުލަތު ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

 

އެކުއިޒިޝަން ކޯސްޓް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ސިޓީގައި ބުނެފައިވާ ގޮތުގައި، ދިއްޕަރުފުށި އޮންނަ ސަރަހައްދުގެ ގޮތުން ރިސޯޓް ތަރައްގީކުރުމާއި ހިންގުމުގައި ދަތިތައް ކުރިމަތިވާނެތީ އެވެ. އަދި އެ ސަބަބަށްޓަކައި އެ ރަށަށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމަށް ޖައުފަރަށް ދަތިވެދާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

 

ޖައުފަރު ދަވޫދަށް ދިއްޕަރުފުށި ދީފައި މިވަނީ ހުޅުވާލެވިފައިވާ ބިޑަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ ގާނޫނުގައި ބުނާ ގޮތުން ޓޫރިޒަމްގެ ބޭނުންތަކަށް ބިޑް ކުރުމެއް ނެތި ބިމާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ އެވެ.

 

މިކަމާ ގުޅޭ ގޮތުން ޖައުފަރުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ރާއްޖެއެމްވީ އިން މަސައްކަތް ކުރި ނަމަވެސް، ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް