އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން، ރައްޔިތުންނަށް ދީނާއި ގުޅޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ކެމްޕެއިންގައި ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަޞޭޙަތް ދެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކެމްޕެއިނު ކުރެވެނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ދީނީ ހޭލުންތެރިކޮށް، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ދީނީ އިޚްތިލާފުތަކުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
"އޯގާވެރި ދަޢުވަތު" މި ނަމުގައި ކުރާ މި ކެމްޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު 2020 ޖަނަވަރީ 12 އިން 17 އަށް ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަޞޭޙަތް ދެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މި ޕްރޮގުރާމު ހުރިހާ ރަށެއްގައިވެސް ޢާންމުންނަށާއި ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ހިންގިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގައި ދޮރުން ދޮރަށް ހިނގާ، ދަރިވަރުންނަށް ދީނީ ނަޞޭޙަތް ދިނުމުގެ އިތުރުން، ޢާއްމުންނަށް ދީނީ ނަޞޭޙަތް ދިނުން ހިމެނޭ ކަމަށެވެ.
މި ކެމްޕޭނުގެ ބައެއްގެ ގޮތުގައި 25 ޖެނުއަރީ 2020 އިން 06 ފެބްރުއަރީ 2020 ގެ ނިޔަލަށް ފ.އަތޮޅު ނިލަންދޫ، ފީއަލި، މަގޫދޫ، އަދި ބިލެތްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ފ. ނިލަންދޫ (25 ޖެނުއަރީ – 27 ޖެނުއަރީ)
ފ. ފީއަލި (28 ޖެނުއަރީ – 30 ޖެނުއަރީ)
ފ. މަގޫދޫ (01 ފެބްރުއަރީ – 03 ފެބްރުއަރީ)
ފ. ބިލެތްދޫ (04 ފެބްރުއަރީ – 06 ފެބްރުއަރީ)
2020 ޖަނަވަރީ 24 އިން ފެބްރުއަރީ 8 އަށް ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގުރާމު ހުރިހާ ރަށެއްގައިވެސް ޢާންމުންނަށާއި ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ޢަމާޒުކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 2020 ޖަނަވަރީ 25 ގައި މާފުށީ ޖަލު އަދި ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ވެސް ދީނީ ނަޞޭޙަތް ދީފައިވާ ކަމަށް އެ މިނިސްޓީން ބުނެފައިވެއެވެ.