މިހާރު ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރި ފުޅާވެއްޖެނަމަ، ވައިރަސްގެ އަސަރުކޮށްފައިވާ މީހުން ކަރަންޓީނު ކުރުމުގެ ކަންކަން ކުރާނީ މާލެ ކުރިމަތީގައި އޮތް ފުނަދޫގައި ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުންނާއި މިބައްޔަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރާއި، މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިބަލީގެ އަސަރު ފެނިއްޖެނަމަ އެމީހަކަށް ފަރުވާދިނުމަށް ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމުކޮށް ވަޞީލަތްތައް ޤާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ޕްރީސްކޫލް އެކަމަށް ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އައިސޮލޭޝަން ހުޅުމާލޭގައި ޕްރީސްކޫލް ބޭނުންނުކޮށް ހުރި ޕްރީސްކޫލެއް ކަރަންޓީން ކުރުމަށް ޕްރީސްކޫލް ބޭނުންކުރަނީ ޖާގައިގެ ގޮތުންނާއި ވެންޓިލޭޝަންގެ ގޮތުން ބަލާއިރު އެންމެ ރަނގަޅު ތަނަކަށް ފެންނާތީ އެތަން ބޭނުންކުރަނީ. އިތުރު ކަންބޮޑުވުންތައް ހުރެދާނެތީ އެނޫން ހާލަތަކަށް ދާންޖެހިދާނެ ކަމަށް ވިސްނާ ފުނަދޫ އަދި އިތުރު އައިސޮލޭޝަން ފެސިލިޓީ އެއް ގޮތުގައި ގާއިމުކުރަމުންދަނީ.ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ނޫސްވެރިން ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ މިވައިރަސް އަށް ޝައްކުކުރެވޭ މީހަކު ހުރެއްޖެނަމަ އެމީހަކަށް ފަރުވާދޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުން އެޑްމިޓް ކުރާ ހިސާބަށް ގޮސްފިނަމަ، އެކަން ކުރެވޭނެ އިންތިޒާމު ހުޅުމާލޭގައި ހަމަޖެހިފައިވާކަމަށާއި ހުރިހާ ލެވެލްއަކަށްވެސް ކަންކުރާނެ ގޮތްތަކަށް ތައްޔާރުވެފައިވާކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ހުޅުމާލެ އިތުރުން އައިޖީއެމްއެޗުގައިވެސް އެކަމަށް ޚާއްޞަ ތަނެއް ތައްޔާރުކުރެވިފައިވާ ކަމަށާއި، އެތަނުގައި އެސެޓަޕް ހެދިފައި ހުންނާނެކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.