ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 22:49
މެޑަމް ފަޒްނާ، ޓީއެފްޖީން ބޭއްވި މެރަތަންއެއް ނިންމަވަނީ
މެޑަމް ފަޒްނާ، ޓީއެފްޖީން ބޭއްވި މެރަތަންއެއް ނިންމަވަނީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ފުލް މެރަތަންއެއް ނިންމަވާ މެޑަމް ފަޒްނާ ތާރީޚުގެ ތެރެއަށް!
މެޑަމް ފަޒްނާ 42 ކިލޯމީޓަރުގެ ފުލް މެރަތަން ނިންމެވީ 5 ގަޑިއިރާއި 39 މިނެޓުން
ފުލް މެރަތަންއެއް ނިންމާފައިވާ ފުރަތަމަ ފަސްޓްލޭޑީއަކީ ކެންޔާގެ ފަސްޓްލޭޑީ މާގަރެޓް ކެންޔަޓާ
ފަސްޓްލޭޑީ މާގަރެޓް ކެންޔަޓާ މެރަތަން ނިންމެވިކަމަށް ވަނީ 7 ގަޑިއިރާއި 4 މިނިޓުން

ފުލް މެރަތަންއެއް ފުރިހަމަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޚާއްޞަ ޝަރަފެއް ހޯއްދަވައިފި އެވެ.

ފަސްޓް ލޭޑީ ފަޒްނާ މި ޝަރަފު ހޯއްދެވީ ޓީއެފްޖީން އިންތިޒާމުކޮށްގެން ލ. ގަމުގައި ހޮނިހިރު ދުވަހު ބޭއްވި 42 ކިލޯމީޓަރުގެ ފުލް މެރަތަން 5 ގަޑިއިރާއި 39 މިނެޓުން ނިންމައިގެންނެވެ.

މެޑަމް ފަޒްނާ ފުލް މެރަތަން ނިންމެވުމާ ގުޅިގެން، މެޑަމް ފަޒްނާ ވެވަޑައިގެންފައި މިވަނީ ފުލް މެރަތަންއެއް ފުރިހަމަ ކުރެއްވި ދުނިޔޭގެ ދެވަނަ ފަސްޓް ލޭޑީ އަށެވެ.

ފުލް މެރަތަން އެއް ނިންމެވި ފުރަތަމަ ފަސްޓް ލޭޑީއަކީ ކެންޔާގެ ފަސްޓްލޭޑީ މާގްރެޓް ކެންޔަޓާ އެވެ. އެއީ 2014 ވަނަ އަހަރުގަ އެވެ. އިނގިރޭސިވިލާތުގެ ލަންޑަންގައި ދުވެވަޑައިގެން އެކަމަނާ މެރަތަން ނިންމެވީ 7 ގަޑިއިރާއި 4 މިނިޓުންނެވެ.

މެޑަމް ފަޒްނާ މެރަތަން ފުރިހަމަ ކުރެއްވުމާއި ގުޅިގެން، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫޤު (މަރޭ) ވިދާޅުވީ ފަސްޓް ލޭޑީ ފަޒުނާ އަކީ މެރެތަންއެއް ނިންމި ދެވަނަ ފަސްޓްލޭޑީކަމަށް ބެލެވޭ ކަމަށެވެ. ދުވުމުގެ އެއްވެސް ގިންތިއަކުން ކެންޔާއަށްވުރެ ކުރި ހޯދުމަކީ ބޮޑު މޮޅެއް ކަމަށްވެސް މަރޭ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު، ފަސްޓް ލޭޑީ ފަޒްނާ މެރަތަން ނިންމެވިއިރު އެކަމަނާ އަށް މަރުޙަބާ ވިދާޅުވީ ފިރިކަލުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދަރިކަނބަލުން ސާރާ އައިޝާ އިބްރާހީމް އެވެ.

ޓީއެފްޖީން އިންތިޒާމުކޮށްގެން ލ. ގަމުގައި މިދިޔަ އަހަރު ބޭއްވި މެރަތަންގައި ވެސް ރައީސް ޞާލިހު އާއި މެޑަމް ފަޒްނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

- ކޮމެންޓް