Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 11:35
މެމްބަރު އިލްހާމް
މެމްބަރު އިލްހާމް
ގޫގުލް
ހޫނު ފެނުގެ އިންޒާރު
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
އިންޝާﷲ ކެރިގެން މަސީހާ ދެކޮޅަށް ވޯޓް ލާނަން: ވައްޑެ
އިލްހާމް މިހާރުވެސް ހުރީ ހޫނު ފެނުގައި: އަލީ ހުސެއިން
އިލްހާމްގެ ދެފަޔަށް ހުރީ ހޫނުފެން އެޅިފައި: އިބްރާހިމް ހަސަން

 

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވޯޓުދެއްވާނީ ހޫނު ފެނުގައި އަތްލަން ބޭނުންވާ މެންބަރުން ކަމަށް ބުނެ ޕީޕީއެމްގެ ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު، އިލްހާމް އަހްމަދު ދިން އިންޒާރަށް ބައެއް މެމްބަރުން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ވާނެ ކަމަށް، އެ މައްސަލަ ހުށަހެޅި ގުޅިފައިވާ ޕާޓީތަކުން ބުނި ވާހަކަތަކަށް ރައްދު ދެއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އިންޒާރު ދެއްވުމުގެ ގޮތުން ބުދަ ދުވަހު އިލްހާމް ވިދާޅުވެފައި ވަނީ "ހޫނު ފެން އެޅޭނެ، އަޅުގަނޑުމެންގެ ތެރެއިންވެސް އެކަން ކުރާ މީހުންގެ ފަޔަށް ހޫނު ފެން އެޅޭނެ" ކަމަށެވެ. 

ހޫނު ފެން އެޅުމުން ގުޅުއްވައި ސަލާމަތްވުމަށް މަސައްކަތް ކުރިއަސް ސަލާމަތް ނުވާނެ ކަމަށް، ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިލްހާމް ވިދާޅުވި އެވެ.

މި ބިރު ދެއްކުމަށް ސަރުކާރުގެ ކޯލިޝަނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ދެއްވި ރައްދުގައި، ހޫނު ފެން އެޅިޔަސް ޖެހުލުމެއް ނެތް ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވާފައިވެ އެވެ. 

ޕީޕީއެމްގެ ބާނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓް ލާނީ ހޫނު ފެނުގައި އަތްލާން ބޭނުން ނަމައޭ ބުނެ މެމްބަރު އިލްހާމް ބިރު ދެއްކިޔަސް، އިންޝާ ﷲ ކެރިގެން މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމަށެވެ. 

 އިލްހާމަށް އިޝާރަތް ކުރައްވައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ އޭނާ އެ ހުންނެވީ ދެ ފަޔަށް ހޫނުފެން އެޅި އެއްކޮށް ފިހިފައެވެ.

"ދެ ފަޔަށް ހޫނުފެން އެޅި އެއްކޮށް ފިހިފަ ހުރި މީހަކު އެހެން ބައެއްގެ ފަޔަށް ހޫނުފެން އެޅިދާނެ ކަމަށް ބުނުމުން ކަންބޮޑުވާ މީހަކު ނޫޅޭ،" އިބްރާހިމް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. 

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ "އެހެން މެމްބަރުން ހޫނު ފެނަށް ލާނެ ވާހަކަ މެމްބަރު އިލްހާމް ބުނާނީ މިހާރު ވެސް ހޫނުފެނުގައި ހުރެ ކެތް ނުކުރެވިގެން" ކަމަށެވެ. 

"ބިރު ދައްކާނީ ތިމާ ބިރު ގަންނާތީ،" އަލީ ހުސައިންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާއެކު އެމްޑީއޭއިން ވަކިކުރެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު ވިދާޅުވީ ހޫނު ފެނަކަށް ވެސް ނުލެވޭނެ ކަމަށެވެ. 

"ރައީސް ޔާމީންގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައި، މަގާމުން ދުރުކޮށްފަ ސަލާމަތްވީމަ ނިމުނީ،" އޭނާ ވިދާޅުވި އެވެ. 

މަސީހްގެ ވޯޓަށް ޖުމްހޫރީ ޕާޓީން ތާއިދުކުރުމާއެކު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިލާ ކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒުކޮށްފަ އެވެ. އަދި ފާރިސްގެ މައްޗަށް ކޮރަޕްޝަންގެ ތުހްމަތުކޮށް އެ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ. 

ބިރު ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތްކޮށް، ހަރާބުވެފައިވާ ދައުލަތުގެ ނިޒާމު ހަމައަކަށް އަޅުވާނެ ކަމަށް ޕާޓީތަކުން ބުނެ އެވެ. 

 

މަސީހުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ދައްކަމުންދާ ބިރާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަކީ މެމްބަރުންނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށާއި އެކަމާ ގުޅިގެން މެމްބަރުންނަށް އެއްގޮތަކަށް ވެސް ބިރެއް ނުދެއްކޭނެ ކަމަށެވެ. 

އިލްހާމްގެ ހޫނުފެނުގެ އިންޒާރާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ އަށް ދަނީ ފާޑުކިޔަމުންނެވެ.  އަދި މަސީހާ ދެކޮޅަށް ވޯޓް ލުމަށް ގިނަ ބަޔަކު އަންނަނީ މެމްބަރުންނަށް ގޮވާލަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް