ގޯލްޑް 100 ގާލާ އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
މި އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު "ގޯލްޑް 100 ގާލާ" އެވޯޑްސްގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު 100 ކުންފުނި ހޮވުމަށް ހަމަޖެހިފައިވާއިރު މިއީ އުރީދޫ އިން "ގޯލްޑް 100" ގާލާ އެވޯޑްސްގައި ބައިވެރިވާ ދެވަނަ ފަހަރެވެ.
ގޯލްޑް ޕާޓްނަރަކަށް އުރީދޫ ހަަމަޖައްސާފައިވާއިރު އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސެއިން ނިޔާޒެވެ. އަދި އޯރކާ މީޑިއާ ގްރޫޕްގެ ފަަރާތުން ސޮއިކުރެއްވީ ޑރ. ހުސެއިން ސަނީ އުމަރުއެވެ.
އޯރކާ މީޑިއާ ގްރޫޕް އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެޑިޝަންއެކެވެ.
ގޯލްޑް 100 ގާލާ އެވޯޑްސް ހަފްލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެއެވެ.
އެގޮތުން ގޯލްޑް 100 އަށް ނޮމިނޭޓްކުރާ ކުންފުނިތަކުގެ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އެއީ ނޮމިނޭޓް ކުރަން ހުށަހަޅާ ކުންފުންޏަކީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށްވުމާއި ރާއްޖޭގެ ކުންފުންޏަކަށްވުމާއި 2016 ވަނަ އަހަރު ކުންފުނީގެ އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާ ލިބިފައިވުން ހިމެނެއެވެ.
ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓްކުރާނެއެވެ.
މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ.