އެޗްވަންއެންވަން ވައިރަހާ ގުޅިގެން ފަސްކުރެވިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އެފްއޭއެމްއިން ރާވާ ހިންގާ ހުރިހާ މުބާރާތްތަށް ފަސްކުރީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެންނެވެ. އެފްއޭއެމުން ބުނީ އެ އިދާރާއިން ހިންގާ ބައެއް މުބާރާތްތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހިންގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިހާރު ހުއްދަދީފައިވާ ކަމަށެވެ.
މިނިވަން ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޒޯން އެކެއްގެ ހދ.އަތޮޅުގެ މެޗަކުންނެވެ. މިހާރު މެޗްތަށް ތާވަލް ކުރެވިފައިވާ ގޮތުން ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ހދ.އަތޮޅުގެ ކުޅުދުއްފުއްޓާއި ކުރިނބީގެ މެޗެވެ.
ތިން ގުރޫޕްއަކަށް ބަހާލެވިފައިވާ މިއަތޮޅުގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވަދާކުރާނީ ނޮޅިވަރަމްއާއި ފިނޭ އެވެ.
ހދ.އަތޮޅު ގުރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށި، ކުރިނބި އަދި ކުމުންދޫ އެވެ. ގުރޫޕް ދޭއްގައި ހިމެނެނީ ނޮޅިވަރަމްއާއި ފިނޭ އަދި ނޮޅިވަރަމްފަރެވެ. ގުރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދޫއާއި ނޭކުރެންދޫ އަދި ހިރިމަރަދޫ އެވެ.